ޚަބަރު

ރާޖަޕަކްސަ އިސްތިއުފާދެއްވައިފި


ސްރީލަންކާގެ ކުރީގެ ރައީސް، އަދި އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރި މަހިންދަ ރާޖަޕަކްސަ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ރާޖަޕަކްސަ މިހާރު ވަނީ ޔުނައިޓަޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫ.ޕީ.އެފް.އޭ)ގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އެކަން އަންގަވާފައިކަމަށް، މަޖިލީހުގެ މެމްބަރު ޝެހާން ސެމަސިންހަ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހުކުރު ދުވަހު، ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ ވަނީ، ޤައުމުގެ ހަމަޖެހުން ކަށަވަރުކުރައްވަން ކަމަށް ވިދާޅުވެ، ބައްޕާފުޅު މަހިންދަ ރާޖަޕަކްސަ ، ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާދެއްވާނޭކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިމިވަނީ، ޤާނޫނީ ގޮތުން ބަލައިގަންނަ ސަރުކާރެއް ސްރީލަންކާގައި ނެތްކަމަށް ޤާނޫނު ހަދާ މަޖިލީހުން ދައުވާކުރާތާ ދެ ހަފުތާ ވެފައިވަނިކޮށެވެ. އަދި މިކަމާ ގުޅިގެން، 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރެވިދާނޭ ކަމާމެދުވެސް އޮތީ ސުވާލު އުފެދިފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ރާޖަޕަކްސަ އިސްތިޢުފާ ދެއްވާފައިމިވަނީ، ރައީސް މައިތިރިޕަލަ ސިރިސޭނާއާ ބައްދަލުކުރެއްވުމަށްފަހު، ރައީސް ސިރިސޭނާއަށް ސަރުކާރެއް އެކުލަވާލާނޭ ފުރުޞަތު ދެއްވުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. ސިޔާސީ ކިތައްމެ މައްސަލަތަކެއް ޖެހުނުކަމުގައިވިޔަސް، ޤައުމު ހިންގުމަށް ކުރުން ލާޒިމް ކަންތައްތަކެއް ވާކަމަށާއި، ބަޖެޓު ފާސްކުރުމަކީ އެ ފަދަ ކަމަކަށްވީ ހިނދު، ޤައުމު ހިންގަން ތިބޭ ފަރާތްތަކުން ޤައުމީ މަސްލަހަތު އިސްކުރަންޖެހޭނެކަން، ރާޖަޕަކްސައަށް އެނގިވަޑައިގަންނަވާކަމަށް، އެމަނިކުފާނަށް ތާއީދުކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ލަކްޝްމަން ޔަޕާ އަބޭވަރްދަނާ ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު ސްރީލަންކާގެ ސުޕްރީމް ކޯޓުން ވަނީ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް ރައީސް މައިތުރިޕަލަ ސިރިސޭނާ މިދިޔަ މަހު ނިންމެވި ނިންމެވުމަކީ ގާނޫނާ ޚިލާފު ކަމެއްކަމަށް ނިންމާފައެވެ. ޤާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށްދާންޖެހޭ ގާނޫނީ ސަބަބެއް ނެތި، މަޖިލިސް އުވާލުމަށް ސިރިސޭނާ ނިންމެވި ނިންމެވުމަކީ ގާނޫނު އަސާސީ އާ ޚިލާފު ނިންމުމެއްކަމަށާއި އެއާ އެއްގޮތަށް އަމަލުކޮށްގެން ނުވާނެކަމަށް، ސްރީލަންކާގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމައި ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވެއެވެ.

އޮކްޓޯބަރު މަހު ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވުމަށްފަހު އޭނާގެ ސަރުކާރަށް އަޣުލަބިއްޔަތު ލިބޭނެ ގޮތެއް ނެތުމުންނާއި ބޮޑުވަޒީރުކަމުން ދުރުވެވަޑައިގަތުމަށް ރަނިލް ދެކޮޅު ހެއްދެވުމުން ސިރިސޭނާވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް ތާރީޚެއް ކަނޑައަޅުއްވާފިއެވެ. އެހެންނަމަވެސް ނޮވެމްބަރު މަހުގެ ތޭރަވަނަ ދުވަހު ސްރީލަންކާގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށް ދާނެ ޙައިޘިއްޔަތު ނެތްކަމަށްބުނެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިޔުމުގެ ވަގުތީ އަމުރެއް ނެރެފައެވެ.

މި މައްސަލައިގައި ސްރިލަންކާގެ ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާފައިމިވަނީ މި ބުރާސްފަތި ދުވަހުއެވެ. މި ހުކުމްވެސް ވަނީ ކުރީގެ ހުކުމާ އެއްގޮތަށެވެ. ނިހާއީ ހުކުމް އިއްވަމުން ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާ ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް މަޖިލިސް އިންތިޚާބުކޮށްފައިވާއިރު ހަތަރު އަހަރާއި ބައިގެ ކުރިން ޤާނޫނު ހަދާ މަޖިލިސް އުވާލެވޭނެ ގާނޫނީ ހައްޘިއްޔަތެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގު ވެވަޑައިގަންނަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމުގެ ކުރިން، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ދެ ފަހަރެއްގެ މަތިން ވަނީ، ރާޖަޕަކްސައާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައެވެ. އެހެންނަމަވެސް ސިރިސޭނާ ވަނީ އެކަން ގަބޫލުނުކުރައްވައި ރަނިލް އަކީ ކޮރަޕްޓް ބޭފުޅެއްކަމަށް ވިދާޅުވެ، ރަނިލް އަލުން ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވުމަށް ދެކޮޅުހައްދަވާފައެވެ.

މަޖިލީހުގެ ނިންމުމަށް ރިޢާޔަތްކޮށް ސްރީލަންކާގެ ކޯޓަކުން ވަނީ ރާޖަޕަކްސްގެ ސަރުކާރުގެ ވަޒީރުންނަށް މުސާރަ ނުދިނުމަށް ގޮވާލައި ހުކުމެއް ނެރެފައެވެ. މި ހުކުމަށް ރިޢާޔަތްކޮށް ސްރީލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން އާބެހޭ ވުޒާރާއިންވަނީ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަ ގެ ސަރުކާރުގެ ވަޒީރުންނަށް މުސާރަ ދިނުމަށް ދެކޮޅު ހަދާފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ސިޔާސީ މި ގަޑުބަޑުގެ ސަބަބުން އެގައުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ރާޖަޕަކްސަ ވަނީ އިންތިޚާބަކަށް ނުގޮސް މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އަދި އިންތިޚާބަކަށް ގޮސްފިނަމަ ރަނިލް ބަލިކުރައްވައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދަވާނެކަމަށްވެސް އޭރު ރާޖަޕަކްސަ ވިދާޅުވި.