ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް ރައީސް މައިތުރިޕަލަ ސިރިސޭނާ މިދިޔަ މަހު ނިންމެވި ނިންމެވުމަކީ ގާނޫނާ ޚިލާފު ކަމެއްކަމަށް އެ ގައުމުގެ ސުޕްރީމްކޯޓުން ނިންމައިފިއެވެ. ޤާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށްދާންޖެހޭ ގާނޫނީ ސަބަބެއް ނެތި، މަޖިލިސް އުވާލުމަށް ސިރިސޭނާ ނިންމެވި ނިންމެވުމަކީ ގާނޫނު އަސާސީ އާ ޚިލާފު ނިންމުމެއްކަމަށާއި އެއާ އެއްގޮތަށް އަމަލުކޮށްގެން ނުވާނެކަމަށް، ސްރީލަންކާގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމައި ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވެއެވެ.
ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލަން ސިރިސޭނާއަށް ޖެހިވަޑައިގަތީ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް މަގާމުން ދުރުކޮށް އެމާގަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަންކުރުމާއެކު ރާޖަޕަކްސަގެ ސަރުކާރަށް މަޖިލީހުގެ ރުހުން ނުލިބުމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ސައްބީސްވަނަ ދުވަހު ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރުމަށްފަހު އޭނާގެ ސަރުކާރަށް އަޣްލަބިއްޔަތު ލިބޭނެ ގޮތެއް ނެތުމުންނާއި ބޮޑުވަޒީރުކަމުން ދުރުވެވަޑައިގަތުމަށް ރަނިލް ދެކޮޅު ހެއްދެވުމުން ސިރިސޭނާވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު މަޖިލިސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ތާރީޚެއް ކަނޑައަޅުއްވާފިއެވެ. އެހެންނަމަވެސް ނޮވެމްބަރު މަހުގެ ތޭރަވަނަ ދުވަހު ސްރީލަންކާގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށް ދާނެ ޙައިޘިއްޔަތު ނެތްކަމަށްބުނެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިޔުމުގެ ވަގުތީ އަމުރެއް ނެރެފައެވެ.
މި މައްސަލައިގައި ސްރިލަންކާގެ ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާފައިމިވަނީ މި ބުރާސްފަތި ދުވަހުއެވެ. މި ހުކުމްވެސް ވަނީ ކުރީގެ ހުކުމާ އެއްގޮތަށެވެ. ނިހާއީ ހުކުމް އިއްވަމުން ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާ ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް މަޖިލިސް އިންތިޚާބުކޮށްފައިވާއިރު ހަތަރު އަހަރާއި ބައިގެ ކުރިން ޤާނޫނު ހަދާ މަޖިލިސް އުވާލެވޭނެ ގާނޫނީ ހައްޘިއްޔަތެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގު ވެވަޑައިގަންނަވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމުގެ ކުރިން، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ދެ ފަހަރެއްގެ މަތިން ވަނީ، ރާޖަޕަކްސާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައެވެ. އެހެންނަމަވެސް ސިރިސޭނާ ވަނީ އެކަން ގަބޫލުނުކުރައްވައި ރަނިލް އަކީ ކޮރޮޕްޓް ބޭފުޅެއްކަމަށް ވިދާޅުވެ، ރަނިލް އަލުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް ދެކޮޅު ހައްދަވާފައެވެ.
މަޖިލީހުގެ ނިންމުމަށް ރިޢާޔަތްކޮށް ސްރީލަންކާގެ ކޯޓަކުން ވަނީ ރާޖަޕަކްސްގެ ސަރުކާރުގެ ވަޒީރުންނަށް މުސާރަ ނުދިނުމަށް ގޮވާލައި ހުކުމެއް ނެރެފައެވެ. މި ހުކުމަށް ރިޢާޔަތްކޮށް ސްރީލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން އާބެހޭ ވުޒާރާއިންވަނީ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަ ގެ ސަރުކާރުގެ ވަޒީރުންނަށް މުސާރަ ދިނުމަށް ދެކޮޅު ހަދާފައެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ސިޔާސީ މި ގަޑުބަޑުގެ ސަބަބުން އެގައުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ރާޖަޕަކްސަ ވަނީ އިންތިޚާބަކަށް ނުގޮސް މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އެތަށް ފަހަރަކު ވިދާޅުވެފައެވެ. އަދި އިންތިޚާބަކަށް ގޮސްފިނަމަ ރަނިލް ބަލި ކުރައްވައި ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯއްދަވާނެކަމަށްވެސް ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.