ޚަބަރު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޒަމީރު ފުލުހަށް ހާޒިރުކޮށްފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ. އެނގިފައިވާގޮތުން މިއަދު ހަވީރު ހަތަރެއް ޖެހިއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް މޫސާ ޒަމީރު ފުލުހަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ސުވާލުކުރުމަށެވެ.

ރާއްޖޭގެ ތާރިޚުގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގާދިޔައިރު ޒަމީރު ހުންނެވީ ސަރުކާރުގެ އެއްވެސް މަޤާމެއްގަ އެއް ނޫނެވެ. އެއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުއެވެ. އަދި އަދީބުގެ މައްޗަށް އެ މައްސަލާގައިވަނީ ޚިޔާނާތުގެ ކުށް ސާބިތުވެފައެވެ.

މާދަމާވެސް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އަންގާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މޫސާ ޒަމީރު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، މިއީ ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙްގެ ސަރުކާރުގައި ސިޔާސީ ބޭފުޅަކަށް ފުލުހަށް ހާޒިރުކުރި ފުރަތަމަ ފަހަރުއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޢަދަދު 1.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރީގެ ސަރުކާރުގެ ޚިޔާނާއި ދައުލަތުން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.