ޚަބަރު

މެންބަރު ޔާމީން އެމްޓީޑީއަށް ސޮއިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދު ޕީޕިއެމުން ވަކިވެ އަލަށް އުފައްދާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީއަށް ސޮއިކޮށްފިއެވެ.

އެމްޓީޑީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެމްޓީޑީއާއި ގުޅިވަޑައިގަތުމަށްފަހު ޔާމީން ވިދާޅުވީ އެޕާޓީއާއި އޭނާ ގުޅިވަޑައިގަތީ ޕީޕީއެމްގެ މުސްތަގުބަލެއް އޮތްކަމަށް ޤަބޫލުނުކުރެވޭތީކަމަށެވެ.

މެންބަރު ޔާމީނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިސް މެންބަރެއްގެ ގޮތުގައި ވަރަށް ގާތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޔާމީން ޕީޕީއެމުން ވަކިވެފައިވަނީ މި ވަނީ އަންނަ މަޖިލިސް އިންތިހާބުގައި ވެލިދީ ދާއިރާގައި ވާދަކުރުމަށް ޕްރައިމެރިއަކާއި ނުލާ ޕީޕީއެމްގެ ޓިކެޓް ދީފައިވަނިކޮށެވެ.

އެމްޓީޑީއަށް ސޮއިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔާމީން ރަޝީދު ވިދާޅުވީ އަންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމަށެވެ. އަދި ވެލިދޫ ދާއިރާއަށް ވާދަނުކުރައްވާނެކަމަށާއި ވާދަކުރައްވާނެ ދާއިރާއެއް އަދި ނިންމަވާފައިނުވާކަމަށްވެސް ޔަމީން ވިދާޅުވިއެވެ.

މެންބަރު ޔާމީން ރައްޔިތުން މަޖިލީހުގެ ވެލިދޫ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީ ޓިކެޓްގައެވެ. އަދި އޭގެ ފަހުން ޕީޕީއެމްއާއި ގުޅިވަޑައިގަތީ 2015 އަހަރުއެވެ.

އަލަށް އުފައްދާ ސިޔާސީ ޕާޓީ، އެމްޓީޑީއަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާޢިލް އާސިފް އިސްވެ އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން އެޕާޓީއަށް ތިން ހާސް މީހުން ހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި މެންބަރަކީ ކުރީގެ ނާއިބު ރައީސް އަދީބުއެވެ. މެންބަރު ޔާމީން ރަޝީދަކީ އަދީބާވެސް ގާތް ގުޅުމެއް އޮންނަ އަރިސް މެންބަރެކެވެ.