ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރގެ ހިދުމަތް ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ތަޢާރަފްކޮށްފިއެވެ.
ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި މިގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ދިރާގުން ދަނީ ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި އެކުންފުނީގެ ޚިދުމަތްތައް ތަޢާރަފްކުރަމުންނެވެ. އަދި ފައިބަރގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދިރާގުން ދަނީ ކުރަމުންނެވެ.
އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 49 އެހެން ރަށެކެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.
ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހުފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.