މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭހިސާބުކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި، ނޫސްވެރިކަމުގެ އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ދިމިގްރާތީ ވެރިކަމެއް ދެމިއޮތުމުގެ އެންމެ އަސާސީ އެއްރުކުރަނީ މިނިވަން ނޫސްވެރިކަންކަމަށެވެ. މިނިވަން ނޫސްވެރިކަމަށް އޮތް ހުރިހާ ހުރަހެއް މިސަރުކާރުން ނައްތާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރިޔާސީ ދައުރެއްގެ ފަސް އަހަރު ދުވަހުގެ ދައުރުގެ ތެރޭގައި ދައުލަތް ޒިންމާދާރުކުރުވުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަމަށް ހޯމް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ނިމިގެންދިޔަ ސަރުކާރުން ނޫސްވެރިކަން މަރާލާފައިވާކަން ސިފަކުރައްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން ފެށި ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބުކަމަށެވެ.
"މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު. އަނިޔާވެރިކަމާ ރައްޔިތުންގެ މައްޗަށް ބާރުވެރިކަން ފެށޭ ހިސާބު. ރައްޔިތުންގެ ހައްގުތައް ގެއްލުވާލާ، ރައްޔިތުންގެ މުދަލާއި ފައިސާ ނިގުޅައި ފަސާދައާއި ކޮރަޕްޝަން ޢަންމުވެ މުޖުތަމަޢު ފަސާދަވާ ހިސާބު،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ނޫސްވެރިކަމަށް އޮތް ހުރިހާ ދަތިތައް މިސަރުކާރުން ނައްތާލާނެކަމުގެ ޔަޤީންކަން ނޫސްވެރިންނަށް އަރުވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމާއި، ޖަލުގޮޅިތަކާއި ޕެޕަރ ސްޕްރޭއާއި ނޫސްވެރިން ކުރިމަތިލާން ޖެހޭޖެހުން މިސަރުކާރުން ނިމުމަކަށް ގެންނާނެ ކަމަށެވެ.
މިނިސްޓަރ ވަނީ ނޫސްވެރިންގެ ކިބައިން ތިންކަމަކަށް އެދިވަޑައިގެންފައެވެ. އެއީ ދިވެހި މުޖުތަމަޢުގެ އަޚްލާގިއްޔާތު ހިފެހެއްޓެވުމަށާއި، ދިވެހިބަހާއި އަދަބިއްޔާތަށް އިސްކަން ދިނުމަށާއި، ނޫސްވެރިންނަށް ދިމާވާ އެކި ކަންކަމުގައި ޤައުމުގެ މަސްލަހަތު އިސްކުރުމެވެ.