ޚަބަރު

ޒުވާނުންނާބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ


ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޒުވާނުންނާ ބެހޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ އަމާޒެއްކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ 100 ދުވަހުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން، މިނިސްޓަރ މަޙްލޫފު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ތަފާތު 13 ކަމެއް ހިމަނާފައިވާކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންގެ ކައުންސިލެއް އެކުލަވާލުމަށް ހިމަނާފައިވާއިރު، ޒުވާނުންގެ ކައުންސިލް އުފެއްދުމަށްޓަކައި އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތަކާއި މަޝްރޫއުތައް ވިލަރެސްކުރުމުގައި ސަރުކާރަށް ލަފާދިނުމައްޓަކައި ޒުވާނުންގެ ކައުންސިލެއް އުފެއްދުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެކެވެ.

މިނިސްޓަރ މަޚްލޫފު ވިދާޅުވީ، ޒުވާނުންގެ ކައުންސިލަކީ ތަފާތު އެކި ދާއިރާތައް ހިމެނޭގޮތަށް އެކުލެވިފައިވާ މިނިވަންކަމާއިއެކު މަސައްކަތްކުރާނެ ކައުންސިލެއް ކަމަށެވެ. އަދި ޒުވާނުންގެ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޒުވާނުންނާ ބެހޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީވެސް އަމާޒެއްކަމަށް މިނިސްޓަރ މަޚްލޫފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން މި 100 ދުވަހުގެ ތެރޭގައި ޒުވާނުންނާ ގުޅޭ ޤާނޫނެއް މަޖިލީހަށް ވެއްދޭތޯ. މި ޤާނޫނު އަންނައިރު ޒުވާނުންގެ ކައުންސިލް އެކުލެވިގެންވާގޮތް ޤާނޫނުގައިވެސް ހިމެނިގެންދާނެ. ވަރަށް ބޮޑު ޒުވާނުންގެ އާބާދީއެއް ރާއްޖޭގައި އެބައޮތް. އެހެންވީމަ ޒުވާނުންގެ ބައިވެރިވުން ޕޮލިސީ ލެވެލްގައި، އަދި ޑިޒިޝަން މޭކިން ލެވެލެއްގައިވެސް އެ ފުރުޞަތު އަޅުގަނޑުމެން ޒުވާނުންނަށް ދޭނަން." ޔޫތް މިިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވިއެވެ.

އުފެއްދުންތެރި ޒުވާނުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުންނަކީ ރަނގަޅު ތައުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު އެމީހުންގެ ހަޔާތް އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ވަޒީފާ އަދާކުރުމާއި، ވިޔަފާރިއާއި އަމިއްލަ މަސައްކަތްތައް ހިންގުމުގައާއި، ބިންވެރިވުމާއި ގޯތިގެދޮރު ލިބުންފަދަ އެންމެހާ މުއާމަލާތްތަކުގައި ޒުވާނަކަށްވީތީ އެއްވެސް ކަމެއްގެ ފުރުސަތު ހަނިވުމުގެ ބަދަލުގައި، ހުރިހާ ފުރުސަތުތަކެއް ފުޅާކޮށްދިނުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.