ޚަބަރު

ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ބިލް މަޖިލީހަށް ބަލައިގެންފި


ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ދެ ކޮމިޝަން، ތަޙްޤީގީ ދެ އިދާރާއަށް ހެދުމާއި ޤާނޫނީ ބާރުތައް ދިނުމަށް ހުށައަޅަފައިވާ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

މި ބިލް ބަލައިގަތީ 42 މެންބަރުންގެ އަގްލަބިއްޔަތުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށްފަހު ވަނީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީޢަށް ފޮނުއްވާފައެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށައަޅުއްވާފައިވާ، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލަކީ، ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، ޖިނާޢީ ކުށްތައް ތަޙްޤީޤްކުރުމުގެ ބާރު ރިޔާސީ ދެ ކޮމިޝަނަށް ލިބިދޭ ބިލެކެވެ.

މި ދެ ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، އިތުރުން ޤާނޫނީ ބާރު ލިބިގެން، ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންގެ އެހީތެރިކަން ހޯދުމާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެ ދެ ކޮމިޝަނުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ކޯޓު އަމުރުހޯދުމުގެ ބާރުވެސް އެ ކޮމިޝަނަށް މި ޤާނޫނުން ލިބިދެއެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްތައް ހިފެއްހެޓުމަށް ބޭންކުތަކުގައި އެދުމުގެ ބާރާއި، ޝަރީއަތްކޮށް ތަޙުޤީޤުކުރުމަށް ޚާއްޞަ އޮފީހެއް ޕްރޮސެކިއުޓަރ ޖެނެލްގެ އޮފީހާއި ވަކިން ޤާއިމްކޮށް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ ދަށުން ހިންގާ ޚާއްޞަ ޑިޕާޓްމަންޓެއް ޕީޖީ އެކުލަވާލަން ޖެހޭނެކަމަށް ބިލުގައިވެއެވެ.

ރިޔާސީ ދެ ކޮމިޝަނުން މައްސަލައެއް ބަލާ ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރުމަށް ގޮތެއް ނިންމާ ޝަރީޢަތަށް ފޮނުވަން ޖެހޭނެކަމަށާއި، މައްސަލައެއް ޝަރީއަށް ފޮނުވާތާ 60 ދުވަހުގެ ތެރޭގައި ފުރަތަމަ މަރުހަލާ ނިންމާ، ހައިކޯޓަށް އިސްތިއުނާފަށް ހުށައަޅައިފިނަމަ 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށައަޅާއިފިނަމަ އަނެއް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއާއި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއަށް ހުށައެޅި އިޞްލާޙުތައް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. އަދި އިމިގްރޭޝަން ޤާނޫނަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށައެޅުއްވި އިޞްލާޙުވެސް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.