ވިޔަފާރި

ސަރުކާރުން ހޯދާފައިވާ ޚިދުމަތްތަކަށް 2.4 ބިލިއަން ރުފިޔާ އޮތީ ނުދައްކާ!


ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ސަރުކާރަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 2.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ޙާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓަރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފެނިވަޑައިގަތް އެންމެ ހައިރާންކުރަނިވި ކަމަކީ، ސަރުކާރުން ހޯދާފައިވާ ޚިދުމަތްތަކަށް، އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވުންކަމަށެވެ. މިގޮތުން އެކި ކުންފުނިތަކުން ސަރުކާރަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ ބިލްތަކަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދައްކާ އެބައޮތްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ޕާޗޭޒް އޯޑަރގެ އަދަދު 428 މިލިއަން ރުފިޔާއަށް އަރާ، ޕާކްޑް އެންޑް ޕޯސްޓަޑް އިންވޮއިސް 824 މިލިއަން ރުފިޔާ، އާސަންދަ ކުންފުންޏަށް 103 މިލިއަން ރުފިޔާ، އެސްޓީއޯއަށް 786
މިލިއަން ރުފިޔާ، ސްޓެލްކޯއަށް 151 މިލިއަން ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް 101 މިލިއަން ރުފިޔާ އަދި އައިލެންޑް އޭވިއޭޝަން ކުންފުންޏަށް 65 މިލިއަން ރުފިޔާ ދައްކަން އެބައޮތް" ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ޚިއްސާކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ދައްކަންޖެހޭ ފައިސާގެ އިތުރުން، އެކި އެކި ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބު އޮތްކަންވެސް ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން އެކި އެކި ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

" މީގެ ތެރެއިން އެކި އެކި އަމިއްލަ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އަދަދު 30 މިލިއަން ރުފިޔާއަށް އަރާ، މޯފާއިން ( ކުރީގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗރއިން) ދޯނިތަކަށް ދީފައިވާ ލޯނުތަކަށް 14 މިލިއަން ރުފިޔާގެ ލޯނު، މޯފާއިން އިންޖީނު އެޅުމަށް ދޫކޮށްފައިވާ 1.8 މިލިއަން ރުފިޔާގެ ލޯނު، އެގްރިކަލްޗަރ ފަންޑުން ދޫކޮށްފައިވާ 32 މިލިއަން ރުފިޔާގެ ލޯނު، އަދި އެކި އެކި ކުންފުނިތަކަށް ސަރުކާރުން ދީފައިވާ 514 މިލިއަން ރުފިޔާގެ ލޯނު، ސިފައިންގެ އިމާރާތްތަކެއް އެޅުމަށް ސިފްކޯއަށް ދޫކޮށްފައިވާ 391 މިލިއަން ރުފިޔާގެ ލޯނު އަދި ފުލުހުންގެ އިމާރާތްތައް އެޅުމަށް ވޮލްކޯއަށް ދޫކޮށްފައިވާ 369 މިލިއަން ރުފިޔާގެ ލޯނު" ސަރުކާރަށް ލިބެންޖެހޭ ފައިސާގެ ތަފްސީލް ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތަކާއި ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ އަދަދު 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތަކުގެ އަދަދު އުޅެނީ 50 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ.