ޚަބަރު

އަލިފާނުގެ ހާދިސާގައި އަނިޔާވި ފުލުހުންނާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި


ގއ. ވިލިނގިލީގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ ފުލުހުންނާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

މި ހާދިސާގައި އަނިޔާވި ފުލުހުންނާއި ހޯމް މިނިސްޓަރ ޢިމްރާނާއި ޕޮލިސް ކޮމިޝަނަރ ހަމްދޫން ބައްދަލުކުރެއްވީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ފުލުހުންގެ އެކޮމަޑޭޝަން ބޮލޮކް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ، ވިލިނގިލީ އެކޮމަޑޭޝަން ބްލޮކްވެސް ބައްލަވާފައްލާވަފައެވެ. ފުލުހުން ބުނީ ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރގެ މި ޒިޔާރަތުގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފުލުހުންނަށް މިވަގުތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގއ. ވިލިނގިލީގައި ހުންނަ ފުލުހުންގެ އެކޮމަޑޭޝަން ބްލޮކަކީ އެރަށުގެ އަންހެނުންގެ ކޮމެޓީގެ އިމާރާތެއް ކަމަށާއި އެހެންކަމުން ހޯމް މިނިސްޓަރ އެ ކޮމެޓީގެ މެންބަރުންނާއިވެސް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަށް އޮފް ޕޮލިސް ހަމްދޫން ރަޝީދު ގއ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ އެއަތޮޅު ދާންދޫއަށްވެސް ވަޑައިގެން އެރަށު ކައުންސިލާވެސް ބައްދަލުކުރައްވަފައެވެ.