ޚަބަރު

ރާއްޖޭގެ ތާރީޚާއި ތަރިކައާބެހޭ ސެމިނާރއެއް ބާއްވަނީ


ދިވެހި ތާރީޚާއި ތަރިކަ ދިރުވައި އާލާކުރުމަށް އަންނަ އަހަރަށް ރާވައިގެން ތާރީޚާއި ތަރިކައާއި ގުޅޭ ޚާއްޞަ ސެމިނާރއެއް ބޭއްވުމަށް ރާވާފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީއިން ބުނެފިއެވެ. ދިވެހި ތާރީޚާގުޅޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމަށް އަންނަ އަހަރަށް ތަފާތު ގިނަ ޕްރޮގްރާމްތަކެއް ރާވާފައިވާކަމަމަށް އެއެކެޑަމީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހުގެ އެކެޑަމީގެ ތާރީޚް ސެކްޝަންގެ އެސިސްޓަންޑް ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވީ ދިވެހިންނަށް ރާއްޖޭގެ ތާރީޚާއި، ތަރިކައާބެހޭ މައުލޫމާތު ދިނުމަށް އަންނަ އަހަރު ބަހުގެ އެކެޑަމީން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ޤައުމީ ތާރީޚް ދުވަހާ ގުޅުވައިގެން ހަމައެކަނި ސްކޫލް ކުދިންނަށް ބާއްވަމުންއައި އަދަބީ ކުއިޒް މުބާރާތް، އަންނަ އަހަރު އޮފީސްތަކާއި، ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި، ކޮލެޖް ޔުނިވަރސިޓީތަކަށް ބައިވެެރިވެވޭގޮތަށް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އިހު ދިވެހިން ކުޅެއުޅުނު ސަޤާފީ ކުޅިވަރުތައް ދައްކާލައި، އެ ކުޅިވަރުތައް ކުޅޭގޮތް ކިޔައިދިނުމަށް ސަޤާފީ ކުޅިވަރު މަހާސަމާއެއް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތުދެއެވެ. މިމަސައްކަތުގެ ދަށުން 2019 ވަނަ އަހަރު އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވަނީ ތާރީޚާއި ތަރިކައާއި ގުޅޭ ޚާއްސަ ސެމިނާރއެއްކަމަށް ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތުދެއެވެ.

"މި ސެމިނާރއަކީ ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ބާއްވާ ސެމިނާރއެއް. ސެމިނާރގައި ކޮންމެ ރަށެއްގައި ހުރި އާސާރީ ތަންތަނުގެ މަޢުލޫމާތާއި، ދިރިއުޅުމާއި، ޖުމްލަކޮށް ރަށްރަށުގައި ހުރިި ތާރީޚާއި ގުޅޭ ހުރިހާ މައުލޫމާތެއް ހުށައެޅުން އޮންނާނެ." ދިވެހިބަހުގެ އެކެޑަމީގެ ތާރީޚް ސެކްޝަންގެ އެސިސްޓަންޑް ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެތިންއަހަރު ދިވެހިބަހުގެ އެކެޑަމީން އިސްނަގައިގެން ރާއްޖޭގެ ސަޤާފަތް ދިރުވައި އާލާކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންގެ ހިތްތަކުގައި ސަޤާފަތާއި އާދަކާދައަށް ލޯބިޖެއްސުމަށް، މައުލޫމާތު ދިނުމުގެ ސެޝަންތައްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސްކޫލް ކުދިންނަށް އަދަބީ ކުއިޒް މުބާރާތްތަކާއި އަދަބީ ޢީދުތައް ވަނީ ބާއްވާފައެވެ. މީގެ އިތުރުން ރަށްތަކުގެ ތާރީޚާ ގުޅޭ މައުލޫމާތު، ޕްރެޒެންޓޭޝަންގެ ޒަރިއްޔާއިން ހުށަހެޅުމުގެ މުބާރާތްތައްވެސް ދިވެހި ބަހުގެ އެކެޑަމީން އިސްނަގައިގެން ވަނީ ހިންގާފައެވެ.

ދިވެހިރާއްޖޭގެ ތާރީޚް ދިރުވައި އާލާކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމި ތާރީޚް ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ މިދިޔައަހަރުއެވެ. ޤައުމީ ތާރީޚް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބްރުއަރީމަހުގެ 27 ވަނަ ދުވަހެވެ.