ޚަބަރު

އެމްއެންޑީއެފްގެ އަލިފާން ނިއްވުމާއި ގުޅޭ ތަމްރީން "ޖައްރާފާ 2018" ފަށައިފި


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އަލިފާން ނިއްވުމާއި ގުޅޭ ތަމްރީން "ޖައްރާފާ 2018" މިއަދު ފަށައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަމްރީން ޝަރަފުވެރިކޮށްދެއްވާ ފަށްޓަވައި ދެއްވީ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގުއެވެ.

މި ތަމްރީންގެ މަޤްޞަދަކީ އަލިފާން ނިއްވާ މީހުންނަށް ދެވިފައިވާ ޢިލްމާ، ހުނަރު އަދި ލިބިފައިވާ ވަޞީލަތްތައް ޢަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި ދިމާވާ އެކި މައްސަލަތައް ހުނަރުވެރި ކަމާއެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެގޮތްތައް ފަރިތަ ކުރުމަކީވެސް މި ތަމްރީންގެ މަޤްޞަދެކެވެ.

ޑިސެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ފަރިތަ ކުރާނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ހަނި، އުނދަގޫ ތަންތަނުގައި އަލިފާނުގެ ހާދިސާގައި މަސައްކަތްކުރާނެ ގޮތްތަކާ ކަނޑުމަތީގައި ހިނގާ އަލިފާން އަދި ރެސްކިއު ހާދިސާގައި މަސައްކަތްކުރާނެ ގޮތްތަކާ ކެމިކަލް އިންސިޑެންޓުތަކުގައި މަސައްކަތްކުރާނެ ގޮތްތައް ފަރިތަކުރާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި މަގުމަތީގެ ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުމުގައި ހަރަކާތްތެރިވާނެ ގޮތްތަކާ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާ އަދި ރޭގަނޑު ހިނގާ އަލިފާނުގެ ހާދިސާތަކާ އަދި ރެސްކިއު ހާދިސާތަކުގައި މަސައްކަތްކުރާނެ ގޮތްތައް މި ތަމްރީންގެ ތެރޭގައި ފަރިތަކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުގައި އަލަށް ތަޢާރަފު ކުރާ އަލިފާން ނިއްވާ ސައިކަލް ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.