ޚަބަރު

ކޮންރެޑް މޯލްޑިވްސް ރިސޯޓް ވިއްކާލަނީ


ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓު ވިއްކާލުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ރިސޯޓުގެ ވެރިފަރާތް ބަދަލުކުރަން ހުށަހަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓު ކުއްޔަށް ހިފާފައިވާ ފަރާތުން، އެރަށުގެ ލީޒް އެގްރިމަންޓް އެހެން ފަރާތެއްގެ ނަން މައްޗަށް ބަދަލުކުރުމަށް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން އެރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވާނަމަ 14 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް އެންގުމަށް އެމިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.

ކްރައުން ކޮމްޕެނީން ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މަޝްހޫރު ރިސޯޓެކެވެ. މިއީ ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓް ހުޅުވި ރިސޯޓެވެ. އަދި ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާވެސް ހުޅުވާފައިވަނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައެވެ.

އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ މިރިސޯޓަށް ބައިނަލްއަޤްވާމީ އެތައް އެވޯޑެއްވެސް ލިބިފައިވެއެވެ.