ޚަބަރު

މަސްވެރިން ބޭނުންކުރާ ތެލުން ޑިއުޓީ ކަނޑާލަނީ


މަސްވެރިން ބޭނުންކުރާ ޑީސެލުން ނަގަމުންއަންނަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް، ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުުރާނެ ކަންތައްތަކުގެ ތެރޭގައި ހިމަނައިފިއެވެ. މަސްވެރިން ބޭނުންކުރާ ޑީސެލުން ޑިއުޓީ ކަނޑާލުމަށް ނިންމާފައިވަނީ މަސްވެރިން މަސްވެރިކަމަށް ނުކުންނަށް ކުރާ ޚަރަދު ކުޑަކޮށް، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި 23 ދާއިރާއަކުން 161 ވަޢުދެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުހިންމު 7 ކަމެއް ހިމެނެއެވެ.

އެގޮތުން މަސްވެރިން ބޭނުންކުރާ ޑީސެލުން ނަގަމުންއައި އިމްޕޯޓް ޑިއުޓީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކަނޑާލުމަށް ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. މަސްވެރިން މަހަށް ނުކުތުމަށް އެންމެ ބޮޑު ޚަރަދެއްކުރަނީ ތެޔޮ ގަތުމަށެވެ. މިހާރު ޑީސަލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5 އިންސައްތަ ނަގަމުންދާއިރު މަސްވެރިން ބޭނުންކުރާ ޑީސެލުން އިމްޕޯޓް ޑިއުޓީ ކަނޑާލުމުން، ދުރުހިސާބުތަކަށް މަހަށް ނިކުތުމަށް ކުރާ ހޭދަ ކުޑަވެގެންދާނެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން މުޅިން އައު 2 ކަމެއް ތަޢާރަފުކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން މިހާރު މަސްވެރިން އައިސް ހޯދުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ އައިސް ޕްލާންޓްތަކަށް ދަތުރުކުރަން ޖެހުނު ނަމަވެސް، މަސްދޯނިތަކުގައި މަސްފިނިކުރެވޭނެ ނިޒާމު ޤާއިމުކުރުމަށް ފުރަތަމަ 100 ދުވަހު ތެރޭގައި ލޯން ދޫކުރަން ފެށުމަށް ނިންމާފައިވެއެވެ.

އަދި ރާއްޖެއަށް މުޅިން އާ މަސްވެރިކަމުގެ ބާވަތެއްކަމަށްވާ "ޑައިމަންޑް ބެކް ސްކްއިޑް" ނުވަތަ ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ތަޢާރަފްކުރުމަށް ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ. މިބާވަތުގެ މަސްވެރިކަމަކީ ރަނގަޅު ޢާމްދަނީއެއްލިބޭ، ދުނިޔޭގެ ބޮޑު މާކެޓެއް ލިބޭ މަސްވެރިކަމުގެ ބާވަތެކެވެ. މިކަން ސަރުކާރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކުރުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ޤާނޫނު ބަދަލުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، "މަސްދޯނި އެކައުންޓް" ގެ ނަމުގައި މަސްވެރިކަމަށް ޚާއްޞަ ބޭންކިންގ ނިޒާމެއް ތަޢާރަފްކުރުމަށްވެސް ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. "މަސްދޯނި އެކައުންޓް" ޚިދުމަތާއެކު ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީ، ލޯނާއި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ފަހިވެގެންދާނެއެވެ.