އިސްރާއީލާ ގުޅުން ގާއިމް ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނަމަ އެކަން ހުއްޓާލުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން އަރަބި ގައުމުތަކަށް ގޮވާލައިފިއެވެ. ޙަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަކީ ފަލަސްތީނު ރައްޔިތުންގެ އިތުރުން އަރަބި އުންމަތުގެ އެންމެ ބޮޑު ދުޝްމަންކަން އަރަބި ސަރުކާރުތަކުން ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ.
ޙަމާސް ޖަމާއަތުން މިހެން ބުނެފައި މިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން އުމާނަށް ކުއްލި ޒިޔާރަތް ކުރެއްވުމުގެ އިތުރުން އިސްރާއީލުގެ ވަޒީރަކު ގަލްފުގެ އެހެން ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށްވެސް ޒިޔާރަތް ކުރެއްވުމާ ގުޅިގެންނެވެ. 1967 ގެ ހަނގުރާމައިގައި އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި އަރަބި އެހެން ބިންތަކުން ފޭބުމުގެ ކުރިން އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް މަގުފަހިވާފަދަ އަމަލެއް ހިންގުމަކީ އަރަބި އުންމަތަށް ވެވޭ ޚިޔާނާތެއް ކަމަށް ހަމާސްގެ ބަޔާން ބުނެއެވެ.
1982 ގައި ބެއިރޫތުގައި ބޭއްވި ޢަރަބި ޤައުމުތަކުގެ އިސްވެރިންގެ ސަމިޓުން ވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި އަރަބި އެހެން ބިންތަކުން އިސްރާއީލުގެ ފައުޖުތައް ފައިބާ، ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދިނުމުގެ ކުރިން އަރަބި އެއްވެސް ގައުމަކުން އިސްރާއީލު މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިނުގަތުމަށާއި އިސްރާއީލާއެކު ގުޅުންތައް ގާއިމުނުކުރުމަށް ނިންމާފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ މައްސަލައަށް ބެލުމެއްނެތި އަރަބި ބައެއްގައުމުތަކުން ސިއްރިޔާތުގައި އިސްރާއީލާއެކު ގުޅުންތައް ބާއްވަމުން ގެންދާކަމަށް ވިދާޅުވެފައެވެ. އަދި ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ބަހްރައިންނަށް ނަތަންޔާހޫ ދާދި އަވަހަށް ޒިޔާރަތް ކުރައްވާނެ ކަމަށް އިސްރާއީލުގެ ރަސްމީ ދާއިރާތަކުން ހުކުރުދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޙަމާސް ޖަމާއަތުން ނެރުނު ބަޔާނުގައި، ޢަރަބި މަދު ޤައުމެއްގެ ސަރުކާރުންތަކުން ފަލަސްތީނުގެ މައްސަލައަށް އިހުމާލުވެ އިސްރާއީލާ ގާތްވުމަށް މަސައްކަތްކުރި ނަމަވެސް އެ ޤައުމުތަކުގެ ޢާއްމު ރައްޔިތުން އެކަމާ ދެކޮޅު ހަދާނެކަމަށާއި، އިސްރާއީލަކީ ޢަރަބިންގެ އެންމެ ބޮޑު ދުޝްމަނުކަން ޢަރަބި ރައްޔިތުންނަށް ނޯޅޭނެކަމަށް ބުނެފައިވެއެވެ.