ޚަބަރު

ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ޑިޕްލޮމަސީ ޓޯކްސް ސީރީޒްގެ ބައްދަލުވުމެއް ބާއްވައިފި


ޒުވާނުންގެ މެދުގައި އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ "ޑިޕްލޮމަސީ ޓޯކް ސީރީޒް" ގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފިއެވެ.

ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ "ޑިޕްލޮމަސީ ޓޯކް ސީރީޒް" ސަމިޓް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފް އެވެ.

މެލޭޝިޔާގެ ބްރިކްސްފީލްޑް އޭޝިޔާ ކޮލެޖުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިޔަށްގެންދާ "ޑިޕްލޮމަސީ ޓޯކް ސީރީޒް" އަކީ ޒުވާނުންގެ އިޖްތިމާޢީ ރޮނގުން ބާރުވެރިކޮށް ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރު އެޅުމުގެގޮތުން، ކަމާގުޅުން ހުރި މުހިންމު ކަންތައްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން ބާއްވާ މަޝްވަރާ ޙަރަކާތެކެވެ.

"ޑިޕްލޮމަސީ ޓޯކް ސީރީޒް"ގެ ކޯފައުންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި ދަރިވަރު މިޒްފާ ސައީދު ބުނީ މިބައްދަލުވުމުގައި 2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ޙާޞިލުކުރުމަށް މުޖުތަމަޢަށް ކުރިމަތިވެފައިވާ ކަންކަން ޙައްލުކުރުމުގައި ޒުވާނުންނަށް ކުރެވޭނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް، މިދާއިރާއިން ދިވެހި ޒުވާނުންނަށް ބޭނުންވާނެ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރެވިފައިވާ ކަމަށެވެ.

އަޑު:"ޑިޕްލޮމަސީ ޓޯކް ސީރީޒް"ގެ ދަށުން އދގެ 2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ޙާޞިލުކުރުމަށް މުޖުތަމަޢަށް ކުރިމަތިވެފައިވާ ކަންކަން ޙައްލުކުރުމުގައި ޒުވާނުންނަށް ކުރެވޭނެ ކަންތައްތަކާބެހޭ ގޮތުން މި ޙަރަކާތުގައި މަޝްވަރާކުރި. އަދި އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތަކުގެ ތެރެއިން ތިމާވެއްޓާއި މޫސުމީ ކަންކަމާއި އިޤްތިޞާދީ ކުރިއެރުމާއި، ވަޒީފާގެ މާޙައުލުގައި ގެންގުޅޭ ހަމަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު" މިޒްފާ ބުންޏެވެ.

"ޑިޕްލޮމަސީ ޓޯކް ސީރީޒް"ގެ ރާއްޖޭގެ ބައްދަލުވުމުގައި ކީނޯޓް ސްޕީކަރުންގެ ވާހަކަފުޅުތަކާއި، ޚައްސަ ޕެނަލް ޑިސްކަޝަނެއް ވަނީ ބާއްވާފައެވެ. މީގެކުރިން ދެފަހަރެއްގެ މަތީން މެލޭޝިޔާގައި "ޑިޕްލޮމަސީ ޓޯކް ސީރީޒް" ބާއްވާފައިވާއިރު، މާލޭގައި ބާއްވާފައި މިވަނީ "ޑިޕްލޮމަސީ ޓޯކް ސީރީޒް"ގެ ފުރަތަމަ ބައިނަލްއަޤްވާމީ ބައްދަލުވުމެވެ.

އަންނަ އަހަރު "ޑިޕްލޮމަސީ ޓޯކްސް ސީރީޒް" ކެންޔާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިހަރަކާތުގެ ފައުންޑިން މެންބަރުން މައުލޫމާތުދެއެވެ.