ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއާއި، އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. މިއީ އެމަނިކުފާނު ހެލްތް މިނިސްޓަރކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފަހުން، ކުރެއްވި މިފަދަ ފުރަތަމަ ޒިޔާރަތެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަކިވަކިން ކުރެއްވި މި ޒިޔާރަތުގައި އެންމެ ފުރަތަމަ ވަޑައިގަތީ ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗަށެވެ. ހެލްތް މިނިސްޓަރ އަމީން ވަނީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އާބާތުރަފިލުވުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ ހޮސްޕިޓަލްގެ ސްޓާފުންނާއި ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރައްވާފައެވެ. ހަމައެހެންމެ އެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން އޮޅުންފިލުއްވާ، ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.
ހެލްތް މިނިސްޓަރ އައި.ޖީ.އެމް.އެޗަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލްގެ ޓްރޯމާ އެންޑް އެމެޖެންސީ ޑިޕާޓްމަންޓަށް ގެނެސްފައިވާ ބަދަލުތައް ބައްލަވާލެއްވުމުގެ އިތުރުން، ނެޝެނަލް ކާޑިއެކް ސެންޓަރަށް ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތްތައްވެސް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.
އެއަށްފަހު ހެލްތް މިނިސްޓަރ އަމީން ވަޑައިގަތީ ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ދުވަސްވީ ހޮސްޕިޓަލުކަމަށްވާ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. އެގޮތުން މިނިސްޓަރ އަމީން ވަނީ ޑރ.ޕާންޑިއަން ވިންގްގެ ނަމުން ނަންދީފައިވާ އޭ.ޑީ.ކޭގެ އައު އިމާރާތައް ވަޑައިގެން، އެތަނުގެ ވޯޑުތަކުން ލިބެން ހުންނަ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ އެމް.އާރ.އައި ޑިޕާޓްމަންޓާއި، އެ ހޮސްޕިޓަލުގެ މެއިން ކައުންޓަރ ހިމެނޭ ސަރަޙައްދަށް ގެންނަމުންދާ ބަދަލުތައްވެސް އެމަނިކުފާނުގެ މި ޒިޔާރަތުގައި ވަނީ ބައްލަވާލައްވާފައެވެ.
ހަމައެހެންމެ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓާއި ބައެއް ސްޓާފުންނާއި ހެލްތް މިނިސްޓަރ ބައްދަލުކުރައްވާ މި ދާއިރާ ތަރައްޤީކުރުމުގައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައިވެއެވެ.