ސައޫދީ އަރަބިޔާއެކު އެމެރިކާ ބާއްވާ ޚާއްސަ ގުޅުންތައް މުސްތަގްބަލްގައިވެސް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލި މައްސަލައިގެ ހަގީގަތް ފުރިހަމަ ގޮތުގައި އަދި ސާފުނުވާ ކަމަށާއި، އެހެންކަމުން ސައޫދީ އާއެކު ބާއްވާ ގުޅުންތައް މުސްތަގްބަލްގައިވެސް ދަމަހައްޓާނެކަމަށެވެ. ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވީ ޚާޝުގްޖީގެ މަރުގެ ފަހަތުގައިވާކަމުގެ ތުހުމަތު ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި ސައޫދީ އަކީ ވަރަށް މުހިއްމު ގައުމެއް ކަމަށެވެ. އީރާނުގެ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓުވުމުގައާއި މެދުއިރުމަތީގައި ނުފޫޒު ހިންގުމަށް އީރާނުން ހިންގަމުން ގެންދާ ހަރަކާތްތައް ހުއްޓުވުމުގައި ސައޫދީގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި ސައޫދީ އަކީ އެމެރިކާގެ ހަތިޔާރުގެ އުފެއްދުންތަކުގެ ވަރަށް ބޮޑު މާކެޓެއް ކަމަށާ އެމެރިގެ ހަތިޔާރު ގަތުމަށާއި އެމެރިކާގައި އިސްވެސްޓް ކުރުމަށް ކުރިޔަށްއޮތް އަށެއްކަ އަހަރު ތެރޭގައި 460 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ސައޫދީ ސަރުކާރުން އެއްބަސްވެފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މާބޮޑަށް މައްޗަށް ދިޔުން ކޮންޓްރޯލްކޮށް ތެލުގެ އަގު މަތިވުމުން އެމެރިކާގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގައި އެމެރިކާއަށް އެންމެ ބޮޑަށް އެހީތެރިކަމެއް ދޭ ގައުމަކީވެސް ސައޫދީ އަރަބިޔާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލްއަލް ޚާޝުގްޖީ އަވަހާރަކޮށްލުމަށް އަމުރުކުރެއްވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ގަބޫލުކުރާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ނިއުޔޯކް ޓައިމްސް" ބުނޭ. ޚާޝުގްޖީގެ މައްސަލާގައި ސައޫދީ އާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ މީގެކުރިން ދެއްވާފައެވެ.
ނަމަވެސް ސައޫދީ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާގެ އިގްތިސާދުގެ އިތުރުން ދުނިޔޭގެ އިގްތިސާދަށްވެސް ލޮޅުންތަކެއް އަރާނެކަމަށް ވިދާޅުވެ އެމައްސަލާގައި ސައޫދީ އާ ދެކޮޅަށް ފިޔަވަޅު އަޅަން ވިސްނުމަށްވުރެ އެމެރިކާއަށް މުހިއްމީ އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ސައޫދީ ސަރުކާރުންވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާއާ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ.