އަންނަ އަހަރު ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން ނިންމާފައިވާތީ، ބަޖެޓު އިތުރުކޮށްދިނުމަށް އިސްލާމީ ޔުނިވާސިޓީއާއި، ޤައުމީ ޔުނިވާސިޓީން ބަޖެޓު ކޮމިޓީގައި އެދިއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީއަށް 35 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ ޔުނިވާސިޓީން ވަނީ އިތުރަށް 40 މިލިއަން ރުފިޔާ ބޭނުންވާކަމަށް ބުނެފައެވެ. ބަޖެޓް އިތުރުކުރުމަށް އެދޭ ސަބަބުތައް ބަޖެޓް ދިރާސާ ކުރާ ކޮމެޓީއާއި ހިއްސާކުރައްވަމުން އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗަންސެލަރ އަލްއުސްތާޛާ އައިޝަތު ޚަލީލާ ވަނީ އެޔުނިވާސިޓީގައި ގިނަ މަރާމާތުތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ލިފްޓާއި، ފަޔަރ ސިސްޓަމް ހަލާކުވެފައިވުމާއި، ސެކިއުރިޓީ އިތުރުކުރަންޖެހުމާއި، އެ ޔުނިވާސިޓީން އައު އިމާރާތެއް އެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ބަޖެޓެއް ބޭނުންވާކަމަށް ޚަލީލާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ފުރަތަމ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ފެށުމަށް ނިންމާފއިވާތީ ބަޖެޓް އިތިރުކުރަންޖެހޭކަމަށްވެސް ޚަލީލާ ވިދާޅުވިއެވެ. އެހެންނަމަވެސް ބަޖެޓު ކޮމިޓީގެ މެންބަރުން ވަނީ އެ ޔުނިވާސިޓީން ހުށައަޅާފައިވާ ޢަދަދުތަކަކީ މާބޮޑު ދިރާސާތަކެއް ހެދުމެއްނެތި ހުށައަޅާފައިވާ ޢަދަދުތަކެއްކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޤައުމީ ޔުނިވާސިޓީންވެސް ވަނީ އެ ޔުނިވާސިޓީއަށް ކަނޑައަޅާފައިވާ 192 މިލިއަން ރުފިޔާގެ އިތުރުން، 50 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދިފައެވެ. ޤައުމީ ޔުނިވާސިޓީ ވައިސް ޗާންސެލަރ ޑރ.އަލީ ފަވާޒް ވިދާޅުވީ ކުރިން އޮތް ވަރަށްވުރެ ބަޖެޓް އިތުރުކޮށް ދިނުމަށް އެދުނީ އަންނަ އަހަރު ޑިގްރީއަށް ކިޔަވާދިނުން ހިލޭ ހަމަ ޖައްސާދޭން ސަރުކާރުން ނިންމާފައިވުމުގެ ސަބަބުން، މީގެ ކުރިން އެ ކޯސްތަކަށް ނަގަމުންއައި ފީ އަންނަ އަހަރުން ފެށިގެން ލިބެމުންނުދާނެތީ އޭގެ ދަތިތައް ކުރިމަތިވެގެންދާނެތީކަމަށެވެ. އަދި މެޑިކަލް ސުކޫލްގެ ކިޔެވުން ފެށުމާއި، ނާސިން ކިޔަވައިދުމަށްވެސް ބޮޑު ޚަރަދެއްކުރަންޖެހިފައިވާކަމަށް ފަވާޒް ފާހަގަކުރެއްވިއެވެ.
ޔުނިވާސިޓީތަކުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ސިވިލް ސާރވިސް ކޮމިޝަނުންވެސް ވަނީ ބަޖެޓު އިތުރުކޮށްދިނުމަށް ބަޖެޓު ކޮމިޓީގައި އެދިފައެވެ. ނަމަވެސް ބަޖެޓު އިތުރުކޮށްދިނުމާއި ގުޅޭގޮތުން ކޮމިޓީން އަދި ވަކިގޮތެއް ނިންމާފައެއްނުވެއެވެ.