ޚަބަރު

އިމްރާން ވަޒީރުކަމަށް ޝަރުތު ހަމަވޭތޯ ޤާނޫނީގޮތުން ގިނަ ސުވާލުތަކެއް


އާ ސަރުކާރުގެ ހޯމް މިނިސްޓަރަކަމަށް ޢައްޔަންކުރައްވާފައިވާ ޢަދާލަތު ޕާޓިގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އެމަޤާމަށް ޤާނޫނީ ގޮތުން ކުފޫހަމަވޭތޯ ޤާނޫނީ ބޭފުޅުން ސުވާލު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކެބިނެޓުގެ ހޯމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ އައްޝައިޚް އިމްރާން ޢަބްދުﷲގެ މައްޗަށް، ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައިވާއިރު އަދި އެޙުކުމް މަތީ ކޯޓަކުން ބާޠިލްކޮށްފައެއް ނުވެއެވެ. އިމްރާނުގެ މައްޗަށް ދަޢުވާ އުފުލީ 2015 އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުލިބޭގޮތަށް ވާހަކަ ދެއްކެވިކަމަށް ތުހުމަތުކުރެވުނު މައްސަލާގައެވެ.
އިމްރާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ފަސްކުރުމަށާއި، އެޙުކުމާ ގުޅިގެން އެއްވެސް ކަމެއް ނުކުރުމަށް މިމަހުގެ ފުރަތަމަދުވަހު ސުޕްރީމްކޯޓުން ވަނީ ޢަމުރެއް ނެރުއްވާފައެވެ.

ސުޕުރީން ކޯޓުން އިމްރާން ޢަބްދުﷲގެ މައްސަލަށް ރިވިއުކޮށް ނިންމަވާފައިވާ ނިންމުމުގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުގެ ޙުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި، އެ ޙުކުމް ތަންފީޛްކުރުމުގެ ގޮތުން އިމްރާން ޢަބްދުﷲއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާކަމަށެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމަވާފައިވަނީ، އިމްރާން ޢަބްދުﷲ ތިން އަހަރުދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ހުކުމް ތަންފީޒްކުރައްވާފައި ވަނިކޮށެވެ.

ރައީސް ޞާލިޙް ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެކުލަވާލި ކެބިނެޓްގައި ހޯމް މިނިސްޓަރަކަށް ޝައިޚް އިމްރާން ޢަބްދުﷲ ޢައްޔަންކުރުމާއެކު ޤާނޫނީގޮތުން ގިނަ ބަޔަކު ވަނީ ސުވާލުއުފައްދާފައެވެ.
ޤާނޫނު އަސާސީގެ 130ވަނަ މާއްދާގައި ވަޒީރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކެއް ބަޔާންކޮށްފައިވާއިރު ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެ ޝަރުޠުތަކެއްވެސް ވަނީ ބަޔާންކޮށްފައެވެ. ޤާނޫނު އަސާސީގެ 130ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވާންޖެހޭނެކަމަށެވެ.

މި މައްސަލައާއި ގުޅެގޮތުން މަޝްހޫރު ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނާއިބުކަންވެސް ކުރައްވާފައިވާ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ހުކުމް ތަންފީޒްކުރުން ފަސްކުރުމަކީ މައްސަލަތަކުގެ ރިވިއު ނުވަތަ އިސްތިއުނާފު ނިމެންދެން މައްސަލަ މަޑުޖައްސާލުންކަމަށެވެ. އެއީ މައްސަލަ ކޮންމެ ގޮތަކަށްވެސް ނިމިދާނެތީ ކުރާ ކަމެއްކަމަށާއި، އޭގެ މާނައަކީ ހުކުމް ބާޠިލްވުމުގެ އަދި ނުވުމުގެ ފުރުސަތު ވެސް އޮތްކަމެއްކަމަށް އާޒިމާ ވިދާޅުވިއެވެ. އެކަމުން އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، އެހެންކަމުން އިމްރާން ޢަބްދުﷲ އަށް ވަޒީރުކަމުގެ ޝަރުޠު ހަމަނުވާކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ފޭސްބުކުގައި ވިދާޅުވީ އިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމުގައި ޤާނޫނީ ހުރަހެއްވާ ކަމަށް ގަބޫލު ކުރަންޖެހޭކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅުވެފައެއްނުވެއެވެ.

ނަމަވެސް ޤާނޫނީ ބައެއް ބޭފުޅުންގެ ވިސްނުންފުޅު މި ބޭފުޅުންނާ ތަފާތުވެފައިވެސް ވެއެވެ. އެގޮތުން މަޝްހޫރު ޤާނޫނި ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ޝައިޚް އިމްރާން ޢަބްދުﷲ ވަޒީރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ ހުކުމުގައި، އިމްރާން ޢަބްދުﷲއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކުރައްވާފައިވެއެވެ. ވުމާއެކު އިމްރާންގެ ޢާންމު ދިރިއުޅުމުގައިވެސް މިނިވަނެއްގެ ގޮތުގައި އުޅުމުގެ ފުރުސަތު ލިބިފައިވާއިރު، އެގޮތުގައި ވަޒީރެއްގެ ގޮތުގައިވެސް މަސައްކަތްކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ޤަބޫލު ކުރައްވާކަމަށެވެ.

ޤާނޫނީ ވަކީލް މަޙްފޫޒު ސަޢީދު ވިދާޅުވީ، އިމްރާންގެ މައްޗަށްކޮށްފައިވާ ހުކުމް މަޑުޖައްސާލުމަށް އަމުރުކުރައްވާފައިވާއިރު، އެހުކުމާގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ސުޕްރީމް ކޯޓުން އަމުރުކުރައްވާފައިވާކަމަށެވެ. އެހުކުމާގުޅިގެން ނުކުންނަ އެއްވެސް ނަތީޖާއެއްގެ އަސަރެއް ޝައިޚް އިމްރާނަށް ކޮށްގެން ނުވާނެކަމަށް ސުޕްރީމް ކޯޓުގެ އަމުރުން މާނަކުރެވޭކަމަށްވެސް މަޙްފޫޒު ވިދާޅުވިއެވެ.

އެހެންކަމުން ޤާނޫނީގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުން ރުހުންދޭއިރު ޚިޔާލުތަފާތުވުންތަކެއް ހުރެދާނެކަމަށާއި، ދެކޮޅަށްވެސް ވާހަކަދެކެވޭނެކަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ މަޖިލީހަށް ރުހުން ހޯދުމަށް ހުށައެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް ހުށައަޅައިގެން ނުވަތަ އިމްރާން އަމިއްލަފުޅަށްވެސް އެމައްސަލާގައި ހައްލެއް ހޯދުންކަމަށްވެސް މަޙްފޫޒު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ލަފާދެއްވާ ހަތަރު ލީޑަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ އައްޝައިޚް އިމްރާން ޢަބްދުﷲ ވަޒީރުކަމަށް ޢައްޔަންކުރުމާއެކު އެފެދުނު ޤާނޫނީ ސުވާލުތަކާ ގުޅިގެން ޢާންމުގެ ތެރޭގައިވެސް ދަނީ ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުންނެވެ. މިކަމާމެދު ރައީސް ޞާލިޙްގެ ސަރުކާރުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.