ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންނަށް ވިހެއުމާ ގުޅިގެން ދޭން ވަޢުދުވެފައިވާ 6 މަސްދުވަހުގެ ޗުއްޓީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަމަޖައްސަވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރައްވަން ނިންމަވާފައިވާ އިޖްތިމާޢީ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ވަޒިފާ އަދާކުރާ މައިންނަށް 6 މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު ލިބޭއިރު، ބައްޕައަށް 1 މަސްދުވަހުގެ ޗުއްޓީއެއް މުސާރައާއެކު ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ އެހެން ކަންކަމުގެ ތެރޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮށްޓަކާއެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ”ބޭބީ ބޮކްސް“ ފޯރުކޮށްދިނުން ހިމެނެއެވެ.
ދިވެހި ރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތު އިރުއްސުރެ އާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރު ކުރުމުގެ ގޮތުން ދައުލަތުން ބަލަހައްޓާ ކުޑަކުދިންގެ ބެލެނިވެރިކަން ހޯދަން ބޭނުންވާ އާއިލާތަކަށް އެކަން ފަސޭޙައިން ހަމަޖެއްސޭނެ ގޮތެއްވެސް ސަރުކާރުން ކަނޑައަޅުއްވަން ވަނީ ނިންމަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ޚިދުމަތްތަކަކީ އާސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން ރައީސް ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ.
މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާ އާއި އެކު ދަތުރު ދިޔުމަށް މާލެއާއި ކައިރިން ރަށެއް ހާއްސަކުރުމަށް ނިންމާފައިވާއިރު ދަތުރުދާނެ ސަރަޙައްދެއް ނެތް ރަށްރަށުގެ ރައްޔިތުން ދަތުރުދިއުމަށް ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައެޅުމަށްވެސް ރައީސް ޞާލިހު ވަނީ ނިންމަވާފައެވެ. އަދި މާލޭގައި ކަނޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެދުނު ބަންދުކޮށް އާއިލާ އާއި ކުޑަ ކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަށްވެސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި ރޭގަނޑު މޫދަށް އެރެވޭނެ ގޮތް ހަދާ، އެ ސަރަހައްދުން ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ރައީސް ޞާލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.