ޚަބަރު

އެންމެ ބޮޑު ނަތީޖާއެއް ނެރެވޭނެ ދާއިރާއަކީ ސިއްހީ ދާއިރާ - ފިނޭންސް މިނިސްޓަރ


ދަޢުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާކޮށް އެންމެ ބޮޑު ނަތީޖާއެއް ނެރެވޭނެ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

2019 ވަނަ ލަފާކޮށް ދަޢުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ސިއްހީ ދާއިރާގެ ކަންކަމަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީ.އެސް.އައި.ޕީގެ ތެރެއިން ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން 25 މަޝްރޫޢެއް ހިންގުމަށް ހަމަޖެހިފައިވެއެވެ.

2019 ވަނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި އެންމެ އިސްކަމެއްދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެގޮތުން ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާއިރު، މިއީ ޖުމްލަ ބަޖެޓުގެ 10.3 އިންސައްތައެވެ. ތިން ހާސް ފަންސާސް ނުވަ މިލިއަން ނުވަތަ 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، މީގެ ތެރެއިން ކެޕިޓަލްގެ ޚަރަދުގެ ގޮތުގައި 16 އިންސައްތަ އަދި ރިކަރަންޓު ޚަރަދުގެ ގޮތުގައި 84 އިންސައްތަ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ވަކިން ޙާއްސަގޮތެއްގައި ސިއްހީ އާލާތްތައް ގަތުމަށްޓަކާ ރިކަރަންޓު ޚަރަދުގެ 21 އިންސައްތަ ޚަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ.

2019 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ތެރެއިން، ސިއްހީ އަދި އިޖުތިމާއީ ދާއިރާ ތަރައްގީކުރުމުގެ 35 މަޝްރޫއަކަށް 534.1 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ. މިއީ ޖުމުލަ ޕީއެސްއައިޕީގެ 1.8 އިންސައްތައެވެ. އެގޮތުން ސިއްހީ ދާއިރާ ތަރައްގީކުރުމުގެ 25 މަޝްރޫޢަކަށް 418.5 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. ސިއްހީ ދާއިރާއަށް ޖުމުލަ ޕީއެސްއައިޕީގެ 3.6 އިންސައްތަ ވަނީ ބަޖެޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އިކްވިޕްމަންޓާއި އެކްސެސަރީޒް ހޯދުމަށް 93 މިލިއަން ރުފިޔާ އަދި ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަޝްރޫއަށް 227 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ.

2019 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް އެންމެ ބޮޑަށް ހަރުދަނާކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވިދާނެ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއަށް ކުރާ ޚަރަދު 2 ގުނަ ބޮޑުވެފައިވާއިރު، ސިއްޙަތަށް ކުރާ ހޭދަ ދެމެހެއްޓެނިވި ގޮތަކަށް ރޭވުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި ކުރެވިދާނެ ބައެއް މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓުގައި ހިމަނާފައެވެ. އެގޮތުން ބޭހާއި އެހެނިހެން ކޮންޒިއުމަބަލްތަކަށް ކުރާ ހޭދަ ކުޑަކުރުމަށް އިންޓަނޭޝަނަލް ހޯލްސޭލްކުރާ ފަރާތްތަކާ ގުޅިގެން ބަލްކްކޮށް ގަތުމާއި، ޖެނެރިކް ބޭސް ޕްރޮމޯޓްކުރުމާއި ކޯ-ޕޭމަންޓެއް ނަގަން ފެށުން ހިމެނެއެވެ. އަދި ޚަރަދުތަކާއި ޚިދުމަތްތައް ރޭޝަނަލައިޒްކުރުމަށް ސްޓޭންޑަޑް ޓްރީޓްމަންޓް ގައިޑްލައިންއެއް އެކުލަވާލައި ތަންފީޒުކުރުމާއި، މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމަކަށް އިންވެސްޓްކޮށް ޕްރޮކިއުމަންޓް އަދި އިންވެންޓްރީގެ ކަންކަން ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުންވެސް ހިމެނެއެވެ.