2019 ވަނަ އަހަރަށް ލަފާކުރާ 29.6 ބިލިއަން ރުފިޔާގެ ދަޢުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގެ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ. އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ ނަވާވިސް ބިލިއަން، ހަ ސަތޭކަ ސާޅިސް ހަތް މިލިއަން، ހަތަރު ލައްކަ، ފަނަރަހާސް، ހަތް ސަތޭކަ ހަތްދިހަ ތިން ރުފިޔާއެވެ. މިއީ މިހާރު ހިނގަމުންދާ ސަރުކާރުން އަލަށް އިންތިޚާބުވި ސަރުކާރަށް ބަޖެޓު ހެދުމުގެ ފުރުޞަތުދީގެން ތައްޔާރުކޮށްފައިވާ ބަޖެޓެކެވެ.
ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، 2019 ވަނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 26.7 ބިލިއަން ރުފިޔާކަމަށާއި ބަޖެޓާއި ޚަރަދުގެ ތަފާތަކީ ދަޢުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާކަމަށެވެ. އަދި 2019 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23 ބިލިއަން ރުފިޔާކަމަށާއި 2019 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށެވެ.
މިނިސްޓަރ މުނައްވަރު ވިދާޅުވީ، ދަޢުލަތުގެ ބަޖެޓުން ހާސިލުކުރަން ބޭނުންވާ ނަތީޖާތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރެވޭނީ ދައުލަތުގެ މާލީ ނިޒާމް ނުވަތަ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ހަރުދަނާ ކުރެވިގެންކަމަށެވެ. އަދި ދަޢުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތަކީ ހުއްޓުމެއްނެތި ކުރަންޖެހޭ މަސައްކަތެއްކަމަށެވެ. ހަމައެހެންމެ އަންނަ އަހަރަށް ލަދާކުރާ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.8 އިންސައްތާގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި މި މިންގަނޑުގައި ހިފެހެއްޓޭނެކަމަށް ބެލެވޭކަމަށްވެސް ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.
"އަންނަ އަހަރަށް ލަފާކުރާ އިޤްތިސާދީ މިންގަނޑުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދީ ދުވެލި 6.8 އިންސައްތާގައި ހުންނާނެކަމަށް ލަފާކުރެވޭ. އަދި މެދުރާސްތާގައިވެސް ރާއްޖޭގެ އިޤްތިސާދީ ދުވެލި، މި މިންގަނޑުގައި ހިފެހެއްޓޭނެކަމަށް ބެލެވޭ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދުވެއްޔާ އަޅާ ބަލާއިރު، ރާއްޖޭގެ އިޤްތިސާދީ ދުވެލި މާ ބޮޑަށްވެސް ހަލުވި. އައި.އެމް.އެފުން ލަފާކުރާ ގޮތުގައި، މި ހިނގާ 2018 ވަނަ އަހަރު ދުނިޔޭގެ އިޤްތިސާދީ ކުރިއެރުން އެވްރެޖް ގޮތެއްގައި ހުންނާނީ 3.7 އިންސައްތާގައި. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިސާދީ ދުވެލި ހުންނާނީ 5 އިންސައްތާގައި. މިއަހަރެކޭވެސް އެއްފަދައިން، 2019 ވަނަ އަހަރު ދުނިޔޭގެ އިޤްތިސާދީ ދުވެލި، 3.7 އިންސައްތާގައި ހިފަހައްޓާނެކަމަށް އައި.އެމް.އެފުން ލަފާކުރޭ" މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެފަހު ދައުރުގެ 8 ވަނަ ޖަލްސާއަށް 2019 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، 2019 ވަނަ އަހަރު ދަޢުލަތުގެ ދަރަނި، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 61 އިންސައްތައަށް އަރާނެކަމަށް ބެލެވޭތީ، ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް 2017 ވަނަ އަހަރު އުފައްދާފައިވާކަމަށާއި، މިކަމުގެ ސަބަބުން ދަރަނީގެ ރިސްކު ނުވަތަ ހިރާސްތައް ކުޑަކުރެވިގެންދާނެކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދުގެ މައި އިންޖީނަކީ ޕްރައިވެޓް ސެކްޓަރކަން ފާހަގަކުރައްވާ މިނިސްޓަރ މުނައްވަރު ވަނީ ޕްރައިވެޓް ސެކްޓަރުން ހިންގާ އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުދި ވިޔަފާރިއާއި، މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތްތަކެއް އެކަށައަޅާ ތަންފީޒުކުރާއިރު، ދަޢުލަތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް އިތުރު ބާރެއްލާންޖެހޭކަމަށްވެސް މިނިސްޓަރ މުނައްވަރު ވިދާޅުވެފައިވެއެވެ.