ޤައުމު މާނަކުރަނީ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށާއި، ޤައުމު ތަރައްޤީވާނީ ރައްޔިތުން ތަރައްޤީވެ، ޤައުމަށް ފައިދާހުރި ވިސްނުންތައް ވިިސްނައި އެކަމަށް މަސައްކަތް ކޮށްގެންކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ. ޑރ. ޝަމީމް މިހެން ވިދާޅުވީ 1440 ވަނަ އަހަރުގެ ޤައުމީ ދުވަހަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ޤައުމީ ދުވަސް ކޮންމެ އަހަރަކުވެސް ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބާއްވާފައިވަނީ ހއ. އުތީމުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރަޢީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ޤައުމު މާނަކުރަނީ ޤައުމުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްކަމަށެވެ. އަދި ޤައުމު ތަރައްޤީވާނީ ޤައުމުގެ ރައްޔިތުން ތަރައްޤީވެ، ޤައުމަށް ފައިދާހުރި ވިސްނުންތައް ވިިސްނައި އެކަމަށް މަސައްކަތް ކޮށްގެންކަމަށް ޑރ.ޝަމީމް ވިދާޅުވިއެވެ. އަދި މިފަދަ ޤައުމީ މުނާސަބަތުތައް ފާހަގަކުރުމުގެ މަޤްސަދަކަށްވެސް ވާންޖެހޭނީ ހުރިހާ ރައްޔިތުން ގުޅިގެން ޤައުމުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލުހޯދޭނެ ގޮތްތައް ހޯދުމަށް މަސައްކަތްކުރުން ކަމަށްވެސް ޑރ. ޝަމީމް ވިދާޅުވިއެވެ.
""މިފަދަ ދުވަސްތައް ފާހަގަކުރަމުންދާއިރު ޤައުމީ ޚިދުމަތުގައި ތިބި، ދިރިތިބި ބަޠަލުންގެ ހަނދާން އާކުރުމަކީވެސް ވަރަށް މުހިންމުކަމެއް. އެގޮތުން ރާއްޖޭގައި ކުރީގައި ވެރިކަންކޮށްފައިވާ ރައީސުން ކޮށްފައިވާ މަސައްކަތާއި، އެކި ދާއިރާތަކުން ދިވެހި ޤައުމު ކުރިއެރުވުމަށް އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތައް ހަނދާންކޮށް ބަލައިގަންނަންޖެހޭ."ޑރ. ޝަމީމް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ޤައުމަށް ދިމާވާ ކަންކަމުގައި ކުރިމަތިލާނެ ބަޔަކު އަބަދުވެސް ތައްޔާރަށް ތިބެންޖެހޭކަމަށާއި، މިހާތަނަށް ޤައުމަށް ދިމާވި ނުރައްކާތެރި ކޮންމެ ބަޣާވާތަކުން ޤައުމު ސަލާމަތްވެފައިވަނީ ދިވެހި ސިފައިންނާއި، ޢާންމު ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދުވަހާއި ގުޅުވައިގެން ދިވެހި ސިފައިން ނެރެފައިވާ ލަވަ އަލްބަމެއްވެސް ވަނީ އިފްތިތާޙްކޮށްފައެވެ. މި އަަލްބަމް ނެރެދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މީގެއިތުރުން ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތާއި، މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނަވަނައަށް އައި ކުދިންނަށް މި ޖަލްސާގައިވަނީ ހަނދާނީ ލިޔުން ދީފައެވެ.
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ޤައުމީ ދުވަހަކީ ޤާނޫނު އަސާސީގައި ލިޔެވިގެން ފާހަކުރަމުންދާ ހަމައެކަނި ދުވަހެވެ.