ޚަބަރު

ކެއަރ ސޮސައިޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި


ކެއަރ ސޮސައިޓީގެ ވިހިވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ޚާއްޞަ ހަވީރެއް ބާއްވައިފިއެވެ.

ކެއަރ ސޮސައިޓީން ޚިދުމަތް ހޯދަމުން އަންނަ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން މިއަދު ދަރުބާރުގޭގައި ބޭއްވި ހަވީރު ޝަރަފުވެރިކޮށްދެއްވީ އިންތިިޚާބީ ނައިބުރައީސް ފައިސަލް ނަސީމެވެ. މި ބައްދަލުވުމުގެ ތެރެއިން ފައިސަލް ނަސީމުވަނީ ކެއަރ ސޮސައިޓީން ޚިދުމަތް ހޯދަމުންދާ ކުދިންނާއި ، ކުރިން އެތަނުން ޚިދުމަތް ހޯދި ކުދިންނާއި އެކުދިންގެ ޢާއިލާތަކާއި ބައްދަލުކުރައްވާ ޙާލަތު އޮޅުން ފިލުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ނައުޝާން މުހައިމިން ވިދާޅުވީ ކެއަރ ސޮސައިޓީއަށް ވިހި އަހަރު ފުރިފައިވާއިރު މިހާ ބޮޑު ކުރިއެރުމެއް ލިބި ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ދެވެނީ އެކިދުވަސްވަރު އެ ޖަމިއްޔާއަށް ޚިދުމަތްކުރެއްވި ހުރިހައި ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މިފަދަ ޖަމްޢިއްޔާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޢާއިލާތަކަށް އެހީތެރިވެ، އެކުދިންނަކީ މުހިންމު ބައެއްކަން އިހުސާސްކޮށްދިނުމަށް ނައުޝާން ހުރިހައި ފަރާތްތަކައް އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެން އަދިވެސް އެދެނީ ކޮމިއުނިޓީ ތެރޭ މި ދާއިރާގަ މަސައްކަތް ކުރަން ބޭނުންވާ ނުވަތަ މި ދާއިރާއަކީ މުހިންމު ދާއިރާއެއްކަމަށްދެކޭ ފަރާތްތަކުން އެންޖީއޯ ތަކާއި ގުޅިގެން މި މަސައްކަތުގައި ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން" ނައުޝާން ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީއަށް ވިހި އަހަރު ފާހަގަކުރުމަށް އެޖަމްޢިއްޔާއިން ވަނީ ގިނަ ޙަރަކާތްތަކެއް ރާވާފައެވެ. މީގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޢަމާޒުކޮށްގެން ސްކޫލް ބަންދުގައި ގިނަ ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ޢާއްމުން މިދާއިރާއަށް ހޭލުންތެރުކުރުވުމަށްވެސް ޕްރޮގުރާމުތަކެއް އިންތިޒާމު ކުރާނެކަމަށް ނައުޝާން ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޙައްޤުގައި ވަކާލާތު ކޮށް އެކުދިންނަށް ބޭނުންވާ ފަރުވާއާއި އެހެނިހެން ޚިދުމަށްތައް ހޯދުމަށް އެފަދަ ކުދިންނާއި ޢާއިލާތަކައް އެހީތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޚިދްމަތް ދެމުން އަންނަތާ 20 އަހަރުވެފައިވާއިރު ، ކެއަރ ސޮސައިޓީން ވަނީ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު އުގަންނައިދިނުމަށާއި، ތެރަޕީ ދިނުމުގެ އިތުރުން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން " ކެއަރ ޑެވެލޮޕްމެންޓް ސެންޓަރ" ގެ ނަމުގައި ޚާއްޞަ މަރުކަޒެއްވެސް ޤާއިިމުކޮށްފައެވެ.