ޚަބަރު

ބ އޭދަފުށީގައި ޑްރައިވިން ޓެސްޓް ހެދުމަށް ބޭނުންކުރާ ޓްރެކް ރަސްމީކޮށް ހުޅުވައިފި


އެއްގަމު އުޅަނދު ދުއްވުމައް ދޫކުރާ ލައިސަންސްގެ ޕްރެކްޓިކަލް ޓެސްޓް ހެދުމަށް ބ އޭދަފުށީގައި ޤާއިމުކޮށްފައިވާ ޓްރެކް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޓްރެކް ޙުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިޔާތުގައި ބ އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަޝީރެވެ.

މިޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަބްރޫކް ނަޝީރު ވިދާޅުވީ، މި މަސައްކަތަކީ ބ އަތޮޅު ކައިންސިލުން ދޭ އެއްގަމު ލައިސަންސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ބ އަތޮޅުގެ ރައޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް ތަރައްޤި ކުރި ޓްރެއކެއް ކަމަށެވެ. ބ އަތޮޅު ކައުންސިލުން ބުނީ އެ އަތޮޅުގެ ރައްޔިތުންނަށް ދެމުންއަންނަ އޭ ކެޓަގަރީގެ އެއްގަމު ލައިސަންސްގެ ހިދުމަތް ދިނުމުގެ ގޮތުން، ތަރައްޤީ ކުރި މި ޓްރެކުގެ މަސައްކަތް ކުރީ ކައުންސިލުގެ މުވައްޒަފުންނެވެ.

ބ އަތޮޅު ކައުސިލުން ބުނީ މި މަސައްކަތަކީ އެސްޓިމޭޓް އުޞޫލުން ބަޔަކާ ޙަވާލުކޮށްގެން ކުރާނަމަ ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުވާނެ މަސައްކަތެއްކަމަށެވެ،

"މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަކޮށް މިޓްރެކް އަޅާ ނިންމާލެވުނީ އަތޮޅު ކައުންސިލްގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާ އެއްބާރުލުމާއެކު، މިޓްރެކް މިރޭ ހުޅުވިގެން ދާއިރު ދިމާވާ ގޮންޖެހުންތަކެއް އެބަހުރި، ޓްރެކް ސަރަޙައްދައް ވަދެނުކުތުމަށް އޮތް ދެމަގު ފަސްމަޑުވުން އެއީ އަދިވެސް ރަގަޅު ނުކުރެވިފައި އޮތްކަމެއް، އެހެން ނަމަވެސް އެމަސައްކަތް ހައްލުކުރުމަށް އޭދަފުށީ ކައުންސިލާ ގުޅިގެން މިދަނީ މަސައްކަތްތަކެއް ކުރަމުން" ބ އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަޝީރު ވިދާޅުވިއެވެ.

އޭ ކެޓަގަރީގެ ލައިސަންސް ބ އަތޮޅު ކައުސިލުން ދޫކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހެވެ. ޓްރާންސްޕޯޓުގެ މިންގަޑައް ފެތޭގޮތައް މި ހެދި ޓްރެކުގެ ސަބަބުން ރައްޔިތުންނަށް ލައިސަންސް ޓެސްޓުހެދުމަށް ފަސޭހަވާނެކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އޭދަފުށީގައި ޓްރެކް ހަދާފައިވަނީ އެރަށު ޙުޅަނގު ޞަރަޙައްދުގައި 18400 އަކަފޫޓްގެ ބޮޑުބިމެއްގައެވެ. މި ޓްރެކް ތަރައްޤީކޮށްފައިވަނީ ދައުލަތުގެ ބަޖެޓުންނާއި އަތޮޅު ކައުންސިލުން ޚަރަދު ކޮށްގެންނެވެ.

ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ޓްރެކް އެޅުމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާލިޔުމެއް ދީފައެވެ. މި ރަސްމިއްޔާތުގައި އޭދަފުށީގެ ސަރުކާރު މުއައްސަސާ ތަކުގެ އިސްވެރިންނާ ކުންފުނި ތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.