ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތް ހުއްޓުވުމުގެ ރިޔާސީ ޢަމުރެއް ރައީސް މައިތިރިޕަލަ ސިރިސޭނާ ނެރުއްވައިފިއެވެ.
ސްރީލަންކާގެ ސަރުކާރުގެ ތަރުޖަމާނު ރަޖީތާ ސެނެރަޓްނެ ވިދާޅުވީ ހޮނހިރު ދުވަހުގެ މެންދުރު 12:00 ފެށިގެން ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ހުއްޓުވުމަށް ރައީސް ސިރިސޭނާ، ރިޔާސީ ޤަރާރަކުން އަމުރު ކުރައްވާފައިވާ ކަމަށާއި، އެ ކަން ކުރެއްވީ ދަސްތޫރުގައި ރައީސަށް ލިބިދޭ ބާރުތަކުގެ ދަށުންކަމަށެވެ.
ހުކުރު ދުވަހު ސިރިސޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް މަޤާމުން ދުރުކުރުމަށްފަހު އެ މަޤާމަށް، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ އައްޔަންކުރައްވާފައެވެ.
އެހެންނަމަވެސް ރަނިލް ވަނީ އެކަމަށް ގޮންޖައްސަވައި ކޯޓަށް ވަޑައިގަތުމަށް ނިންމަވާފައެވެ. އަދި ބޮޑުވަޒީރުގެ ގެކޮޅުން ނުނިކުންނަވާނޭކަމަށްވެސް ރަނިލްވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތް ހުއްޓުވުމުގެ އަމުރު ސިރިސޭނާ ނެރުއްވީ، ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަ އިސްކޮށް ހުންނަވައިގެން، ޤާނޫނު ހަދާ މަޖިލީހުގައި، ރައީސް ސިރިސޭނާގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކުރައްކަމުގެ ޚަބަރުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.