ސަޢުދީ ޢަރަބިއްޔާގައި ކުރިއައްދާ ފިއުޗަރ އިންވެސްޓްމެންޓް އިނިޝިއޭޓިވް 2018 ގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންފިއެވެ.
ދުނިޔޭގެ އެތައް ޤައުމެއްގެ ލީޑަރުންނާއި، އިންވެސްޓަރުންނާއި، އުފެއްދުންތެރިން ބައިވެރިވާ މި ފޯރަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި، ސައުދީ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަބްދުލްޢަޒީޒްއާ، އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނައާ، ޑރ. މުޙައްމަދު ވަހީދުގެ ހަސަން މަނިކުގެ އިތުރުން ޔުނައިޓެޑް އަރަބް އިމެރޭޓްސްގެ ނައިބު ރައީސް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިސް ސަފުގައި ތިއްބެވިއެވެ.
ފިއުޗަރ އިންވެސްޓްމެންޓް އިނިޝިއޭޓިވް 2018 ފެށުމުންގެ ގޮތުން ވަނީ ގްލޯބަލް އިންވެސްޓްމަންޓާއި، ޓެކްނޮލޮޖީއާ ގުޅޭގޮތުން ޚާއްސަ ޕެނަލްޑިސްކަޝަންއެއް ބާއްވާފައެވެ.
މި އިންވެސްޓްމަންޓް ފޯރަމް ފަށާފައި މިވަނީ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލައިގައި ދުނިޔޭގެ ބައެއް ޤައުމުތަކާއި މަޝްހޫރު ކުންފުނިތަކުން މިފޯރަމް ބޮއިކޮޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.