ޚަބަރު

މަޞީޙުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އިދިކޮޅު މެންބަރުން ތައްޔާރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވެއްދުމަށް އިދިކޮޅު މެމްބަރުން މިހާރު ނިންމާފައިވާކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ މެންބަރުން ސޮއިކޮށްފައިވާކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސް އަށް އެނގިފައިވާގޮތުގައި މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖުމުލަ ސާޅިސް ހަ މެންބަރުން މިހާތަނަށް ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕާޓީ އަދި މަސީޙުވެސް އެޕާޓީއަކަށް ނިސްބަތްވާ ޕީޕީއެމްގެ ބައެއް މެންބަރުންވެސް ހިމެނޭކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ވަނީ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އެހެންނަމަވެސް އެކަން މިހާތަނަށް ކާމިޔާބު ވެފައެއްނުވެއެވެ. މަޖިލީހުގެ ޤަވާދުގެ 175 ވަނަ މާއްދާއަށް ދާދިފަހުން ގެނައި އިޞްލާޙުގައިވަނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން 42 މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފެނިއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށައެޅިދާނެކަމަށެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބުމުން، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެމައްސަލަ ހުށައަޅާންޖެހޭނެކަމަށްވެސް ޤަވާޢިދުގައި ވެއެވެ.