ޚަބަރު

ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ރީބްރޭންޑުކޮށް ސިންގަރޕޫރު މޮޑެލްގެ ސްކޫލަކަށް ބަދަލުކުރަނީ


ހުޅުމާލޭ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ނަން "ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް"ގެ ނަމަށް ރީ-ބްރޭންޑްކޮށް، އެތަން ސިންގަރޕޫރު މޮޑެލްގެ ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސްކޫލުން ބުނީ ރީ-ބްރޭންޑް ކުރުމަށްޓަކާ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ނިމިފައިވާކަމަށާ، 2019 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިންގާ ކޮލިޓެޓް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ރަޝީދު ވިދާޅުވީ، އެ ސްކޫލް ރީ-ބްރޭންޑްކޮށް ސިންގަރޕޫރު މޮޑެލްގެ ސްކޫލަކަށް ބަދަލުކުރުމަށް ނިންމީ، ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީ، ބެލެނިވެރިންގެ ޑިމާންޑުތަކަށް ކޭޓަރކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ. އެގޮތުން މި ބަދަލާއެކު މިހާރު އެ ސްކޫލުގައި ޕްރީ ސްކޫލް ގްރޭޑްތަކުގައި ކިޔަވައިދެމުންދާ އިނގިރޭސިވިލާތުގެ ޤައުމީ މަންހަޖުގެ ބަދަލުގައި، ދެން ކިޔަވައިދޭން ފަށާނީ ސިންގަރޕޫރުގެ ޤައުމީ މަންހަޖަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިންގަޕޫރު އިރުޝާދު ޓްރަސްޓް ލިމިޓެޑާއި، ކޮލިޓެޓް އެޑިޔުކޭޝަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޫލުގައި ބޭނުންކުރާނީ ސިންގަޕޫރުގެ މަޝްހޫރު މާޝަލް އެންޑް ކެވެންޑިޝްގެ ފޮތްތައްކަމަށްވެސް މޫސާ ރަޝީދު ވިދާޅުވިއެވެ. ނަމަވެސް މި މަންޙަޖަށް ކިޔަވައިދިން ނަމަވެސް ދިވެހި ޤައުމީ މުޤައްރަރުގައި ހިމެނޭ އިސްލާމާއި ދިވެއްސާއި ޤުރުއާން އަދި އަރަބި ބަސްވެސް އެ ސްކޫލުގައި ކިޔަވައިދޭނެކަމަށް އެ ސްކޫލުން ބުނެއެވެ.

"މި ބަދަލާއެކު މައިގަނޑުގޮތެއްގައި މުޅި ސްކޫލުގެ ޕްރީސްކޫލް ކަރިކިއުލަމް ބަދަލުވެގެންދާނެ ސިންގަރޕޫރުގެ ނެޝެނަލް ކަރިކިއުލަމަށް.. އެހެންނަމަވެސް ގްރޭޑް 1 އިން ފެށިގެން 10 އަކަށް މި އޮންނަ ކަރިކިއުލަމް ބިނާވެގެންދާނީ ހަމަ ޔޫކޭ އެއްގޮތަށް.. ނަމަވެސް އަޅުގަނޑުމެން ގެންގުޅޭ ފޮތްތައް ބަދަލުވެގެންދާނެ މާޝަލް އެންޑް ކެވެންޑިޝް.. މި ފޮތްތައް ގެންނަ ސަބަބަކީ އެބޭފުޅުންނަކީ ސިންގަރޕޫރުގެ އެޕްރޯޗަށް ޔޫކޭ ނެޝެނަލް ކަރިކިއުލަމަށް ފޮތްތައް ލިޔުއްވާ ބޭފުޅުން.. އެހެންވީމަ ހުރިހާ ފޮތްތަކެއްވެސް ސީދާ އަންނާނީ ސިންގަރޕޫރުން.. އެބޭފުޅުން މިކޮޅަށް ވަޑައިގެން ޓީޗަރުންނަށް ބޭނުންވާ ތަމްރީންތައްވެސް ދެއްވާނީ" މޫސާ ރަޝީދު ވިދާޅުވިއެވެ.

މޫސާ ރަޝީދު ވިދާޅުވީ، މި ބަދަލާއެކު، މުޅި ސްކޫލުގެ ކިޔެވުން ދެން ބައްޓަންވެގެންދާނީ ޢިލްމު އުންގަންނައިދިނުމުގެ އިތުރަށް، ދަރިވަރުންގެ ހުނަރާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ފަދަ ނިޒާމަކަށްކަމަށެވެ. އަދި ކުރިއަށްއޮތްތާގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްވެގެންދާނީ ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޙާއްސަވެފައިވާ ސްކޫލަކަށްކަމަށްވެސް މޫސާ ރަޝީދު ވިދާޅުވިއެވެ. އެގޮތުން ލެގޯ އެންޑް ރޮބޮޓިކްސްއަށް ޙާއްސަ ލެބްތަކާއި، މާޝަލް އާރޓްސްފަދަ ދާއިރާތަކަށް ޙާއްސަ ސެޝަންތައްވެސް އެ ސްކޫލުގައި ކުރިއަށްގެންދަން ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްކޫލުގައި ފުރަތަމަ ފަހަރަށް ރޮބޮޓިކްސް ލެބެއް ޤާއިމުވެގެންދާނެ.. މީގެ ތެރޭގައި އަޅުގަނޑުމެންގެ ކުދިންނަށް ލެގޯ ކިޔެވުމުގެ ފުރުޞަތު، ވެޑޯ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި ސިންގަރޕޫރުގައި ބާއްވާ ތަފާތު އެކިކަހަލަ ޢިލްމީ މުބާރާތްތަކާއި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތުވެސް މިކުދިންނަށް ލިބިގެންދާނެ.. ހަމައެހެންމެ މި ސްކޫލަށް އަޅުގަނޑުމެން އެބަ ތަޢާރަފުކުރަން މާޝަލް އަރޓްސްވެސް.." މޫސާ ރަޝީދު ވިދާޅުވިއެވެ.

ސިންގަޕޫރު އިރުޝާދު ޓްރަސްޓް ލިމިޓެޑަކީ އެޤައުމުގެ އިތުރުން، މެލޭޝިއާ، އިންޑޮނޭޝިއާ އަދި އޭޝިއާގެ އެހެން ބައެއް ޤައުމުތަކުގައިވެސް ތަފާތު ނަންނަމުގައި ސްކޫލްތައް ހިންގަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. އެގޮތުން ރާއްޖޭގައި އެކުންފުނިން ހުޅުވާ ސްކޫލަކީ "ބްރައިޓްވޭ"ގެ ނަމުގައި އެކުންފުނިން އޮޕަރޭޓްކުރާ ދެވަނަ ސްކޫލެވެ. ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލާއެކު، ގޭޓްވޭ އުވި، އެ ސްކޫލުގެ ޔުނިފޯމާއި، ލޯގޯވެސް ބަދަލުވެގެންދާނެއެވެ.

ކުރީގެ ލާލޭ އިންޓަރނޭޝަނަލް ސްކޫލު، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލަށް ބަދަލުކޮށްފައިވަނީ ސްރީލަންކާގެ ގޭޓްވޭ ކޮލެޖާއި ގުޅިގެން 2017 ވަނަ އަހަރުގެ ތެރޭގައެވެ. މިތަނުން ޕްރީ-ސްކޫލް ތަޢުލީމުން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުންދާއިރު، 714 ދަރިވަރުން މިހާރުވެސް އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. އަދި އިނގިރޭސިވިލާތުގެ ނެޝެނަލް ކަރިކިއުލަމްގެ އިތުރުން، ރާއްޖޭގެ ޤައުމީ މުޤައްރަރާއި އެއްގޮތަށް ދިވެހި، އިސްލާމާއި ޤުރުޢާން މި ތިން މާއްދާވެސް ދަނީ ކިޔަވައިދެމުންދެއެވެ. މީގެއިތުރުން ޢަރަބިބަހާއި، ފްރެންޗްބަސްވެސް މި ސްކޫލުގައި ކިޔަވައިދެމުންދެއެވެ.