ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނާ ގުޅޭގޮތުން ދެއްކި ހަޤީޤަތާ ޚިލާފު ވާހަކަތަކަކީ އެއްވެސް ހެއްކެއް ނެތި ދެއްކި ވާހަކަތަކެއްކަން ހާމަވެގެން ހިނގައްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބު ބާޠިލްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބު ބާޠިލް ނުކުރުމަކީ އެކޮމިޝަންގެ މެންބަރުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތީޚާބުގެ ހުރިހާކަމެއްވެސް އެކޮމިޝަނުން ގެންދިޔައީ ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށާއި ކޯޓަށް ހުށަހެޅި މައްސަލަތަކަކީ އެއްވެސް އަސާސެއް ނެތް މައްސަލަތަކެއްކަމަށް އެކޮމިޝަންގެ ޤާނޫނީ ޓީމާއި އެކޮމިޝަނުން ކުރިންވެސް ބުނެފައިވާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އިތުރު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާކަމަށާއި، މިފަހަރު އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަމާން އަދި އެންމެ ގިނަ ބައެއްގެ ލޯމައްޗަށް ފެންނަގޮތަށް ބޭއްވުނު އިންތިޚާބުކަން ރައްޔިތުންނަށް ޔަޤީންވެއްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑަރުންވެސް ވަނީ ތަފާތު ޝުޢޫރުތައް ފާޅުކޮށްފައެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުން އިންސާފު ލިބިއްޖެކަމަށެވެ. އަދި ހުކުމާއި ގުޅިގެން މައުމޫން ވަނީ އިންތިޚާބީ ރައިސްއަށާއި އިންތިޚާބީ ނައިބު ރައީސްއަށް މަރުހަބާ ދަންނަވާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، އިންސާފު ދިރިދެމިއޮތްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވިނަމަވެސް އޭނާ ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަހަތްޕުޅުގައިކަމަށެވެ. އަދި ރައީސް ޔާމީނާމެދު ފަޚުރުވެރިވެވަޑައި ގަންނަވާކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވުމަށްފަހު ސުޕްރީމް ކޯޓުން ވަނީ، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ކަނޑައަޅާ ހުކުމްކޮށްފައެވެ.