ޚަބަރު

ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް ހައިކޯޓުން ބާޠިލުކޮށްފި


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ.

އެއް އަހަރާއި، ހަތް މަހާއި، ހަ ދުވަހަށް ރައީސް މައުމޫނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކޮށްފައިވަނީ އެ މައްސަލައިގައި ރައީސް މަޢުމޫންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށައެޅުއްވި އިސްތިޢުނާފުގެ މައްސަލަ ނިންމައި އިއްވި ހުކުމުގައެވެ.

މި މައްސަލަ ނިންމައި ހައިކޯޓުން މިއަދު ކޮށްފައިވާ ޙުކުމުގައި ވަނީ ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގައި ޢަމަލުކުރި އިޖުރާޢަތުތައް ގޯސްކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާކަމަށާއި، އެމަނިކުފާނުގެ ވަކީލުން ދަށު ކޯޓުގައި މައްސަލަ ދޫކޮށްލުމުން އެހެން ވަކީލުން އައްޔަން ކުރަން އެމަނިކުފާނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށްވެސް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާކަން ވަނީ ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން 2 ދަޢުވާއެއް އުފުލާފައިވާއިރު، މީގެ ތެރެއިން ފުލުހުން ތަޙްޤީޤްކުރަމުންދާ މައްސަލައަކާގުޅިގެން ތަޙްޤީޤަށް ފޯނު ނުދެއްވި މައްސަލާގައި، ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، ދައުލަތުން އުފުލި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނީ އިޖްރާއަތްތަކާއި، ޝަރުޢީ އިޖްރާއަތްތަކާއި ޚިލާފަށް އިއްވާފައިވާ ހުކުމެއްކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ޖަލުބަންދުގައި ބެހެއްޓުމަކީ އިޢާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިދާނެކަމެއްކަމަށް ވިދާޅުވެ ރައީސް މައުމޫނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދުމުން، ހައިކޯޓުން މިދިޔަމަހުގެ 30 ވަނަ ދުވަހު ވަނީ ރައީސް މަޢުމޫން ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނުވަނީ މިހާރު މިނިވަންވެފައެވެ.