ޚަބަރު

ހުރިހާ ވޯޓު ފޮށިތަކެއްގެ ނަތީޖާގެ ތަފްސީލް ޢާއްމުކޮށްފި


ވަކިވަކި ވޯޓު ފޮށިތަކުގެ ތަފްސީލް ނަތިޖާ ޢާއްމުކޮށް ފެންނާނެހެން އިލެކްޝަން ކޮމިޝަނުން އިޢުލާންކޮށްފިއެވެ. އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައި، ރިޔާސީ އިންތިޚާބުގައި ބަހެއްޓި 472 ފޮށްޓަށް ވޯޓުލީ ގޮތުގެ ތަފްސީލްތައްވަނީ ހިމަނާފައެވެ.

އެގޮތުން ވަކިވަކި ވޯޓުފޮށިތަކުގެ ނަތީޖާގައި ދެ ކެންޑިޑޭޓުންނަށް ކޮންމެ ފޮށްޓަކުން ލިބުނު ޖުމްލަ ނަތީޖާއާއި، ފޮށްޓަށް ވޯޓުލީ މީހުންގެ ޖުމްލަ ޢަދަދާއި، ބާޠިލް ވޯޓާއި، އެ ފޮށްޓަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ޢަދަދުތައްވެސްވަނީ ހިމަނާފައެވެ.
އިލެކްޝަން ކޮމިޝަނުން ޢާއްމުކޮށްފައިވާ ރަސްމީ ނަތީޖާއަށް ބަލާއިރު އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ފަސް ވޯޓާއިއެކު އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އިބްރާޙިމް މުޙައްމަދު ޞާލިޙް އިންތިޚާބް ކާމިޔާބުކުރައްވާފައިވަނީ ވޯޓުލީ މީހުންގެ %58.4 ވޯޓުންނެވެ. އަދި ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ ނުވަދިހަ ހަހާސް ފަންސާސް ދެ ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %41.6 ވޯޓެވެ.

އިންތިޚާބުގައި ވޯޓުލުމަށް ބެހެއްޓި 472 ފޮށީގެ ތަފްސީލް ނަތީޖާ އިލެކްޝަނުން އާއްމުކޮށްފައިވާއިރު މީގެތެރޭގައި އާއްމު ރަށްތަކުގެ އިތުރުން ރިސޯޓްތަކުގައި ބަހައްތާފައިވާ ވޯޓް ފޮށިތަކުގެ ނަތީޖާތައްވެސްވަނީ ތަފްސީލާއިއެކު ހިމަނާފައެވެ.

މިދިޔަ މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްގު ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށްވަނީ ލިބިފައެވެ. މީގެތެރެއިން ދެލައްކަ ތިރީސް ތިންހާސް އަށްސަތޭކަ އަށްޑިހަ ނުވަ މީހުންވަނީ ވޯޓުލުމުގެ ޙައްގު އަދާކޮފައެވެ. އިލެކްޝަން ކޮމިޝަނުން ޢާއްމުކޮށްފައިވާ ރަސްމީ ނަތީޖާއަށް ބަލާއިރު 3132 ފަރާތުންވަނީ ބާޠިލް ވޯޓް ލާފައެވެ. ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައިވަނީ ރިޔާސީ އިންތިޚާބް ބޭއްވި ދުވަސް، 23ސެޕްޓެމްބަރުގައެވެ. އަދި ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ.