ޚަބަރު

އައު ސަރުކާރުގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ ހަމައާއި އިންސާފް ޤާއިމްކުރުން - މައުމޫން


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ، ޤާނޫނާ ޤަވާއިދާއި، ހަމައާއި އިންސާފާ އެއްގޮތަށް ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުންކަމަށް ކުރީގެ ރައިސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މައުމޫން ވިދާޅުވީ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަސައްކަތްކުރައްވާނީ ދިވެހި ޤައުމަށްޓަކައި، ވަކި ފަރާތަކަށް ބުރަނުވެ، އިއްތިހާދެއްގެ ގޮތުގައިކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް އެމަނިކުފާނަށް ދެއްވާފައިވާކަމަށެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި، ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭކަމަށާއި، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ވަކި ބައެއްގެ ސަރުކާރެއް ނޫންކަމަށެވެ.

އަދި އެ ސަރުކާރުގައި އެއްވެސް ބަޔަކު ތަފާތު ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ. ކުރިއަށް އޮތް ފަސްއަހަރު ކޯލިޝަން ސަރުކާރު ހިންގާނީ ހަމަޖެހޭ އަދި ޤާނޫނަށް ހުރުމަތްތެރިކޮށް ހުރިހާ މުއައްސަސާއެއްވެސް ޤާނޫނީ އިމުގެ ތެރެއިންކަމަށާއި، ޤާނޫނާ ޤަވާއިދާއި، އުސޫލާއި ހަމައާއި އިންސާފާއެއްގޮތަށް ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަކީ މިސަރުކާރުގެ އެންމެ މުހިންމު މަސައްކަތްކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ ރައީސް މައުމޫން ދެއްވި ހިތްވަރުންކަމަށް ވިދާޅުވިއެވެ. ކޯލިޝަން ސަރުކާރަކީ ރައްޔިތުންގެ ވެރިކަމެއްކަމެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން، އިންތިޚާބީ ނައިބު ރައީސް ވިދާޅުވީ، އައު ސަރުކާރުގައި ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެއްވާނެކަމަށެވެ. ސިޔާސީ ހަތަރު ލީޑަރުންގެ އިރުޝަދާއެކު ރައްޔިތުން ނުދެކޭފަދަ ހަމަހަމަކަމާ އިންސާފައި ތަރައްޤީ ގެނެސްދެއްވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި ތަފާތު ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން އިންތިޚާބީ ނާއިބު ރައީސް ވިދާޅުވީ، ރައްޔިތުންގެ އެއްބައިވަންތަކަމާއެކު ޤައުމަށް އަމާންކަން ގެންނަވާނެކަމަށެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިންތިޚާބީ ނައިބު ރައީސްއާ ބައްދަލުކުރައްވާފައިވާއިރު، އިއްޔެ އެމަނިކުފާނު ވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާވެސް ބައްދަލުކުރައްވާފައެވެ.