ވެރިކަން ބަދަލުކުރުމުގެ މަރުޙަލާގެ ކަންކަން ކުރިއެއްގެންދިއުމާބެހޭ މަޝްވަރާތައް ސިވިލް ސަރވިސް ކޮމިޝަނުން ފަށައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި، ކޮމިޝަންގެ އިސްވެރިން މިއަދު ވަނީ ދައުލަތުގެ އެކި ވުޒާރާތަކުގެ ޕާމަނެންޓް ސެކެރެޓަރީންނާއެކު ވެރިކަން ބަދަލުކުރުމުގެ މަރުޙަލާތައް ވީހާވެސް އަމާންކޮށް ކުރިއަށްގެންދިއުމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޕަރމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާގުޅޭގޮތުން މިބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކުރުމާ ގުޅޭ މަޢުލޫމާތާއި، މި މަރުހަލާގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްޞީލު ކޮމިޝަނުން ޕާމަނެންޓް ސެކެއްޓަރީންނާ ޙިއްސާކުރައްވާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި ބައްދަލުވުމުގައި ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށް ދިވެހި ސިވިލް ސަރވިސްއާއި، ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުން ދިވެހި ސިވިލް ސަރވިސްއަށް ދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމާއި ކެބިނެޓްގެ ވަޒީރުންނަށް ސިވިލް ސަރވިސްއާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ވިލަރެސްކުރުމުގައި އެމްޑީޕީގެ ފަރާތުން އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުކަމަށް އިންތިޚާބީ ރައިސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ހ. ސީވީޑް، އަޙްމަދު ލަތީފް އައްޔަންކުރުމަށް ރައީސް މުންތަޚަބް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.