ޚަބަރު

ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަމަށް ބުނުމުން އިންތިޚާބީ ރައީސްގެ ޝުކުރު ސަލާމަތީ ބާރުތަކަށް


ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަމުގެ ކަށަވަރުކަން ސަލާމަތީ ބާރުތަކުން ދީފައިވާތީ، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނާއި ސިފައިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނުގެ ތަރުޖަމާނު މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އިއްޔެއިން ފެށިގެން ރިޔާސީ އިންތިޚާބުގެ ނަތީޖާ ލަސްކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރިކަމުގެ މައުލޫމާތު ލިބިގެންދިޔަނަމަވެސް އެ ދަނޑިވަޅުގައި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުން ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީންކަމާއި، ކަށަވަރުކަމައްޓަކައި އިންތިޚާބީ ރައީސް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ސަރުކާރުގެ ބައެއް އިސްފަރާތްތަށް މަރުގެ އިންޒާރުދެމުންދާކަމުގެ މައުލޫމާތުލިބެމުންދާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އެފަދަ ގޮތަކަށް އެއްވެސް ހަމަނުޖެހުމެއް ހިންގުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ބޭނުންފުޅުވާގޮތެއް ނޫންކަމަށާއި، އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާކަމަށެވެ.

"މިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، އަދި ޚާއްސަކޮށް އަޅުގަނޑުމެން ވާދަވެރި ސިޔާސީ ނިޒާމެއްގެ ވާހަކަދައްކާއިރު، އަދި މިދަންވާހެން އަޅުގަނޑުމެން ކޯލިޝަންގެ އެއްވެސް ސަޕޯޓަރެއް އެކަހަލަކަމެއް އެގޮތަށް ނުކުރާނެކަން އަޅުގަނޑުމެންނަށް ޔަގީންވާ ހިންދުވެސް، އެއްވެސް ބޭފުޅެއް އަނެއް ބައެއްގެ ބޮލުގައި އަޅުވަންވެސް އަދި އެނޫންގޮތަކަށްވިޔަސް އެކަހަލަކަންކަން ނުކުރެއްވުމަށް ޕްރެޒިޑެންޓް އިލެކްޓް އިބްރާހިމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވާ" މާރިޔާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މަރުހަބާ ދަންނަވައި، ބަދަލުވަމުންދާ މި މަރުހަލާގެ ގެތެރޭގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ތަރުޖަމާނު މާރިޔާ ވިދާޅުވިއެވެ. އެގޮތުން ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި އދ. ގެ ރެޕްރެޒެންޓެޓިވްގެ އިތުރުން ސްރީލަންކާގެ އޮޕޮޒިޝަން ލީޑަރުވެސް އިންތިޚާބީ ރައީސާ ގުޅުއްވައި މަރުހަބާ ވިދާޅުވެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރަނަރުވެސް މިއަދު ވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.