ޚަބަރު

ވެރިކަން ބަދަލުކުރުން އަމާންކުރުމަށް ދާއިމީ ނަތީޖާ އިޢުލާންކުރުން އަވަސްކުރޭ - މާރިޔާ


ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ވީހާވެސް އަވަހަށް ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ޢިއުލާންކުރުމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، މިދަނޑިވަޅުގައި ސަރުކާރުގެ ލިޔެކިއުންތައް ނައްތާލުމާއި، ވަޒީފާތަކަށް މީހުން ނަގާކަމުގެ ވާހަކަތައް އެކި ގޮތްގޮތަށް ފެތުރެމުންދާއިރު، އެކަންކަން އެންމެ ރަނގަޅުގޮތުގައި ބެލޭނީ ޤާނޫނުގައިވާ ގޮތަށް އިންތިޚާބީ ރައީސްގެ ފަރާތުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކޮށްގެންކަމަށެވެ. އެގޮތުން މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކުގެ ކަންކަން އިންތިޚާބީ ރައީސަށް ވިލަރެސްކޮށް ބެލޭނީ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކޮށްގެންކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

މިކަން ހަމަޖެހިގެންދާނީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުންކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، 7 ދުވަހަކީ އެންމެ ދިގުވެގެން ދާއިމީ ނަތީޖާ އިއުލާންކުރަންޖެހޭ މުއްދަތުކަމަށާއި، ވީހާވެސް އަވަހަށް ދާއިމީ ނަތީޖާ އިއުލާންކުރުން މުހިއްމުކަމަށެވެ.

"ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ޤާނޫނުގައި މިއޮންނަނީ ދާއިމީ ނަތީޖާ އިއުލާންކުރުމާ ގުޅިގެން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އެޕޮއިންޓްކުރެވި އަދި، ދެން ވެރިކަމުގެ މިއަންނަ ދައުރާއި، ހަވާލުވާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ސަރުކާރުގެ މިނިސްޓްރީތަކަށް ވަދެވަޑައިގެން މިކަންކަން ކުރެއްވޭނީ. ޤާނޫނުގައި މިއޮންނަނީ 7 ދުވަހުގެ މުއްދަތެއް އެންމެ ދިގުވެގެން ދޭކަމަށް. އެހެންވީމަ އެއަށްވުރެ އަވަހަށްވެސް އެކަންކަން ކުރެއްވެން އޮންނައިރު، އެކަން އެގޮތަށް އެފުރުސަތުދެއްވައިގެން، ދާއިމީ ނަތީޖާ ލަސްވިވަރަކަށް މިވާހަކަތައް މިގޮތަށް ދެއްކި، އަދި އެކުރަންޖެހޭ ކަންކަން ސަރުކާރުތެރޭގައިވެސް އަޅުގަނޑު ގަބޫލުކުރަނީ ހުއްޓާލައްވައިގެންކަމަށް ތިއްބަވަންޖެހޭނީ" މާރިޔާ ވިދާޅުވިއެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުޙަލާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެފައިވާ ބޭފުޅަކު އެދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުންނެވެ.