އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް މަޤާމުން ދުރުކުރަން ރައީސް ޑޮނަލް ޓްރަމްޕް ގަސްދުކުރައްވާކަމަށް ފެތުރުނު ރިޕޯޓްތަކެއް އޭނާ ދޮގުކުރައްވައިފިއެވެ.
އެމެރިކާގެ ދިފާއީ ވުޒަރާ ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޓިސް ވިދާޅުވީ، މި އަހަރުގެ ބާކީ އޮތް ދުވަސްތަކާއި ކުރިއަށް އޮތް އަހަރުގައިވެސް އެމެރިކާގެ ދިފާއީ ވަޒީރުކަމުގައި ހުންނަވާނީ އޭނާ ކަމަށާއި، މަޤާމު ގެއްލިދާނެކަމުގެ އެއްވެސް ބިރެއް ނެތްކަމަށެވެ.
އަދި މަޓިސް މަގާމުން ދުރުކުރަން ރައީސް ޑޮނަލް ޓްރަމްޕް ގަސްދު ކުރައްވާކަމަށް ފެތުރިފައިވާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގު ރިޕޯޓްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން އެ ފަދަ ރިޕޯޓްތައް ފެތުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެކަމާމެދު ކަންބޮޑުވެ ވަޑައިނުގަންނަވާކަމަށްވެސް މަޓިސް ވިދާޅުވިއެވެ.
އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާއަށް އިތުބާރުކުރައްވާކަމަށާއި މަޤާމުގައި ދެމި ހުންނެވުމަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިވެފައި ނުވާކަމަށްވެސް މަޓިސް ވިދާޅުވިއެވެ.