ދިވެހިރާއްޖޭގެ ވައިގެ ބަނދަރަކަށް ތާރީޚްގައި ޖައްސާ އެންމެ ބޮޑު މަތިންދާ ބޯޓުގައި ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު ރާއްޖެއަންނަ ދިވެހި ފުޓްބޯޅަ ޓީމަށް މަރުޙަބާ ކިއުމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވުމަށްޓަކައި ބާއްވާ ކުލަގަދަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއަށް އެންމެ ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައިވަނީ އިއްތިހާދު އެއަރވޭސްގެ އެއަރބަސް އޭ-380 މަރުކާގެ މަތިންދާބޯޓެކެވެ. މި ބޯޓު ރާއްޖެއައުމަށް ޔޫއޭއީގެ އަބޫދާބީން މިހާރު ފުރާފައިވާއިރު، ބޯޓު ރަންވޭގައި ޖައްސާނެކަމަށް ލަފާކުރެވެނީ މެންދުރުފަހު 3:45 އެހާކަންހާއިރުއެވެ. ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ތަށްޓާއެކު ދަތުރުކުރާ މި ބޯޓު ދުއްވަނީ ދިވެހި ޕައިލެޓެއްކަމަށްވާ ކެޕްޓަން ޢަލީ އަޙްސަނެވެ.
އިއްތިހާދު އެއަރވޭސްގެ އެއަރބަސް އޭ-380 ހުޅުލެއަށް ޖައްސާނީ ގާތްގަނޑަކަށް 1000 ފޫޓު މަތިން މާލެއާއި ވިލިމާލެ ވަށައި ބުރެއްޖެހުމަށްފަހުއެވެ. އަދި މި ބޯޓު ޖެއްސުމަށްފަހު، ދިވެހި ސިފައިންގެ ޕެރެޖަމްޕާރސް ހުޅުލޭގެ 5000 ފޫޓުމަތިން ޕެރެޝޫޓާއެކު ފުއްމާލުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. އަދި މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަކުން ލޯ ފްލައިޕާސް ހަރަކާތެއްވެސް އާއްމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި މަންޒަރު ހުޅުލެއާއި، ހުޅޫމާލެ އަދި ސިނަމާލެ ބުރިޖު ސަރަހައްދުން ވަރަށް ރީއްޗަށް ފެނިގެންދާނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.
ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއިން ކަނޑައަޅާފައިވާ ކޯޑް-އެފްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އަދި މިއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި މިފެންވަރަށް ތަރައްޤީކޮށްފައިވާ ފުރަތަމަ ރަންވޭވެސްމެއެވެ. އެގޮތުން މި ރަންވޭގެ ދިގުމިނުގައި 3400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީންނެވެ.