މަޑިވަރު އެއަރޕޯޓް އެޅުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްފިއެވެ.
ހުރަވަޅި މޯލްޑިވްސް ރިސޯޓުގެ ކަނޑުއަޑީ ރެސްޓޯރެންޓް، 5.8 ގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މަޑިވަރު އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އެވެ. އަދި ބީޔޫ.ސީޖީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ އިންޓަރނޭޝަނަލް ޕްރެޒިޑެންޓް ލީ ދައުސަންގއެވެ.
މަޑިވަރު އެއަރޕޯޓު މަޝްރޫޢުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުންނެވެ. އެގޮތުން މި މަޝްރޫޢުއަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް އެކުންފުނިން ބުނެއެވެ. 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ޅ. މަޑިވަރުގައި ތަރައްޤީކުރާ މި އެއަރޕޯޓުގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި އެއަރޕޯޓު އަޅާ ސަރަޙައްދު ސާފުކޮށް ސައިޓް މޮބިލައިޒް ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މަޑިވަރު އެއަރޕޯޓުގެ މަޝްރޫޢުއާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މޫސާ ވިދާޅުވީ އަމާޒަކީ 8 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމައި، އަންނަ އަހަރުގެ ޖޫންމަހު އެއަރޕޯޓު ހުޅުވުން ކަމަށެވެ. އަދި ބީޔޫސީޖީއާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ހަވާލުކުރީ މިކަމުގެ ތަޖުރިބާހުރި ފަރާތަކާއި ހަވާލުކުރުމުން ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން ކަމަށްވެސް މުޙައްމަދު މޫސާ ވިދާޅުވިއެވެ.
މަޑިވަރު އެއަރޕޯޓާއެކު ޅ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށާއި، ޅ. އަތޮޅުގައި އޮޕަރޭޓްކުރާ ރިސޯޓުތަކަށްވެސް މި މަޝްރޫޢުގެ ސަބަބުން ފައިދާވާނެކަމަށް ކުރެއްދޫ ހޯލްޑިންގްސްއިން ބުނެއެވެ. އަދި މިއީ މުޅި ޅ. އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި އެކުންފުނިން ސިފަކުރެއެވެ.
ފަސެންޖަރ ޓާރމިނަލަކާއި، އެއަރ ކްރާފްޓްތައް ޕާކްކުރުމަށް ޙާއްސަ އޭޕްރަންއަކާއެކު އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ މަޑިވަރު އެއަރޕޯޓުގައި ސިޓީ ހޮޓަލެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.
ހުރަވަޅި މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތަށްފަހު ބީޔޫސީޖީގެ އިސް އޮފިޝަލުންގެ ޓީމާއި، ކުރެއްދޫ ހޯލްޑިންގްސްގެ އިސް މެނޭޖްމަންޓުގެ ބޭފުޅުން ވަނީ މަޑިވަރަށް ޒިޔާރަތްކޮށް، އެއަރޕޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ.