ޚަބަރު

އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ބޭކާރު ވަޢުދުތައް ވަނީ ބަޖެޓުގައި އޮތް އެއްޗެއް ނޭނގޭތީ- މިނިސްޓަރ ޠާރިޤް


އިދިކޮޅު ފަރާތްތަކުން ރަށްރަށަށް ގޮސް ރައްޔިތުންގެ ކިބައިން ބޭކާރު ވަޢުދުތައް ވަނީ އެބޭފުޅުންނަށް ވޭތުވެދިޔަ 5 އަހަރުގެ ބަޖެޓުގައި އޮތް އެއްޗެއް ނޭނގޭތީކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާށިދޫގައި ނަރުދަމާ ނިޒާމެއް ޤާއިމުކޮށްދޭނެކަމަށް އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންނެވިއިރު، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިވަގުތުވެސް އެރަށުގައި ކުރިއަށްދާކަމަށެވެ. އަދި ރިޔާސީ އިންތިޚާބާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން އެކި ރަށްރަށަށް ކުރަމުންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ރައްޔިތުންނަށް މިފަދަ ބޭކާރު ވަޢުދުތައް ވަމުންދަނީ އެބޭފުޅުން ފާއިތުވި 5 އަހަރުގެ ބަޖެޓަށް ވޯޓު ނުދިނުމުގެ އިތުރުން އެބޭފުޅުންނަށް ބަޖެޓުގައި އޮތީ ކޯއްޗެއްކަންވެސް ނޭންގޭތީކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް ދެހާސް ފަސް ސަތޭކައެއްހާ މީހުން ދިރިއުޅެމުންދާ ކ. ކާށިދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 20 މިލިއަނަށްވުރެ ގިނަ ރުދިޔާ ޙަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކާށިދޫގެ އިތުރުންވެސް ބައެއް އެހެން ރަށްރަށަށް ވަޑައިގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް މީގެ ކުރިންވެސް ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތައް އަނެއްކާވެސް ހިންގަވާދެއްވާނެކަމަށް ބުނެ ވަޢުދުވަމުންނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިދިކޮޅު ފަރާތްތަކާއި އިދިކޮޅު ކެނޑިޑޭޓަށް އަމާޒުވެފައެވެ.