އޯގަންސް ޓްރާންސްޕްލާންޓް ނުވަތަ ގުނަވަންތައް ބަދަލުކުރުމުގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑޫސިޓީ ފޭދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކުރާ ޑައިގްނޯސްޓިކް ޚިދުމަތްތައް އައްޑޫސިޓީގައި ތަރައްޤީކުރަމުންދާ މަަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގައިވެސް ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މި ޚިދުމަތްތައް ކުޅުދުއްފުށްޓާއި ތިނަދޫގައިވެސް ޤާއިމްކުރައްވާނެކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢުމްރާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދިރިއުޅެން ފަސޭހަކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ބޮޑެތި ރަށްތައް ސިޓީތަކަށް ހެދުމަށް ކުރާ މަަސައްކަތްތަކެއްކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްޙީ ދާއިރާގެ ތަރައްޤީގެ ތަސައްވުރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި އޯގަންސް ޓްރާންސްޕަލާނޓް ފެސިލިޓީ ނުވަތަ ގުނަވަންތައް ބަދަލުކުރުމުގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށެވެ. އަދި ޓެލެމެޑިސިންގެ ދާއިރާއިން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ގުޅުވާލާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އައިސިޓީ ދާއިރާ ތަރައްޤީކުރުމަށް އިސްކަންދީގެން މަސައްކަތް ކުރައްވަނީ މިފަދަ ޚިދުމަތްތައް ފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، އައްޑޫސިޓީގެ ތަރައްޤީއަށް އެމްޑީޕީގެ ސަރުކާރުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާ، މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢޫތަކެއް ކުރިއަށްގެންގޮސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެސިޓީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.