މާލެތެރޭގެ އަމަން ނަގާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްކަތާ އަދަބުލުއިކޮށްދީ މުޖުތަމަޢުތެރެއަށް ޤައިދީން ދޫކޮށްލުމާ އެއްވެސް ގުޅުމެއް ނެތްކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރުގެ ނާއިބު މުޙައްމަދު ތޮލާލް ވިދާޅުވީ، އަދަބު ލުއިކޮށްދިނުމާއި މަޢާފުދިނުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށާއި، އެއީ ހަމަ ހުރެފައި ޤައިދީން ދޫކޮށްލާ އުސޫލުން ކުރާ ކަމެއް ނޫންކަމަށެވެ. އެގޮތުން މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ޤައިދީން ދޫކޮށްލުމުގައި ބަލާނެ ޚާއްޞަ މިންގަނޑުތަކާއި އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، ކުށެއްކޮށްފައިވާ މީހަކު މުޖުތަމަޢު ތެރެއަށް ދޫކޮށްލުމުގައި އެމީހަކު އިސްލާޙުވެފައިވާ މިންވަރާއި، އެމީހެއްގެ އަޙްލާޤު ފަދަ ވަރަށް ގިނަ ކަންތައްތަކަށް ރިޢާޔަތް ކުރާ ކަމަށް ތޮލާލް ވިދާޅުވިއެވެ.
އަދަބުލުއިކޮށްދީ މުޖުތަމަޢުތެރެއަށް ޤައިދީން ދޫކޮށްލުމާ، މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ދާދިފަހުން ހިނގައިދިޔަ ބައެއް މާރާމާރީތަކާ ގުޅުމެއްވާކަމަށްބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ހޯމް މިނިސްޓަރގެ ނާއިބު ވިދާޅުވީ، އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އެގޮތުން ބައެއް މާރާމާރީތަކާއި ހަމަނުޖެހުންތަކަކީ ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެން، ވަކި ބައެއްގެ އަގުވައްޓާލުމުގެ ނިޔަތުގައި ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ކަންތައްތަކެއްކަމަށާއި، މިފަހުން ހިނގާދިޔަ އެއްވެސް ހަމަނުޖެހުމެއް ނުވަތަ މާރާމާރީއެއްގައި މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ދޫކޮށްލާފައިވާ މީހެއްގެ ބައިވެރިވުމެއް އޮތްކަން ފާހަގަވެފައިނެތްކަމަށް ތޮލާލް ވިދާޅުވިއެވެ.
"ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް އަޅުގަނޑު މިދަންނަވަނީ ޖުލައި 26 އިން ފެށިގެން މިހާތަނަށް އައިއިރުގައިވެސް އަދަބުލުއިކޮށްދީ ދޫކޮށްލެވުނު މީހުންގެ ތެރެއިން އަލުން އަނބުރާ ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެންމެ މީހަކުވެސް ނެތް ހަމަނުޖެހުމެއް ހިންގުމާއި، މާރާމާރީއެއް ހިންގުމުގައި ބައިވެރިވެފައެއް. މީގެން އެބަ ދޭހަވޭ ޖަލުގަ ތިބުމަށްފަހު އަލުން އަނބުރާ މުޖުތަމަޢު ތެރެއަށް، އާއިލާތައް ކައިރިއަށްދާ މީހުންނަކީވެސް މުޖުތަމަޢުގައި ޤަބޫލުކުރެވޭ، މުޖުތަމައުގައި އިޙްތިރާމު ލިބިގެންވާ ބައެއްގެ ގޮތުގައި އުޅެން އެމީހުން ބޭނުންވާކަން.." - ހޯމް މިނިސްޓަރގެ ނާއިބު ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ، ތަފާތު އެކި ކުށްކުށުގައި ޖަލަށްލާ މީހުންނަށް ރިހެބިލިޓޭޝަން މަރުހަލާގެ ތެރެއިން ދީނީ އަދި އަޙްލާޤީ އެކި އެކި ކަންކަން ދަސްކޮށްދީ މުޖުތަމަޢު ތެރެއަށް ދޫކޮށްލުމަށްފަހުވެސް އެމީހުންގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރާކަމަށެވެ. އަދި ކުށްވެރިން މުޖުތަމައު ތެރެއަށް އެއްކޮށް ދޫކޮށްލުމުގައިވެސް މިންގަނޑުތަކެއް ގެންގުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފުރަތަމަ އެމީހުންނަށް ގޭބަންދަށް ކޮންމެވެސް މުއްދަތަކަށް މި ދޫކޮށްލެވެނީ. އެ މުއްދަތު ހަމަވީމަ ރަށުތެރެއަށް މި ދޫވެގެންދަނީ. ރަށުތެރެއަށް އެ އޮންނަ މުއްދަތު ހަމަވީމަ ދެން މުޖުތަމައު ތެރެއަށް މި ދޫކޮށްލެވެނީ. އެއީ ދަތުރުފަތުރުކޮށް އުޅުމުގެ ފުރިހަމަ މިނިވަންކަމާއެކު ދޫކޮށްމިލެވެނީ. އެހެންނަމަވެސް އަދިވެސް އެމީހަކު ހުންނަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި. އެމީހުންގެ ޢަމަލުތައް މޮނިޓަރކުރެވެމުންދާނެ." ހޯމް މިނިސްޓަރގެ ނާއިބު ތޮލާލް ވިދާޅުވިއެވެ.
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންގެ ތެރެއިން ޝަރުތުހަމަވާ ބައެއް މީހުންގެ އަދަބު ލުއިކޮށްދެއްވާފައެވެ. އަދި މިފަދައިން އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްކުށާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް ތަންފީޛުކުރަމުންދާ މީހުން ހިމަނުއްވާފައެއްނުވެއެވެ.