ޚަބަރު

ރައީސް ޔާމީނަށް ފެލިދޫއިން ހޫނު މަރުޙަބާއެއް ދަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަތޮޅުތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފެލިދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނައަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. އެގޮތުން ފެލިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އެރަށުގެ ބަނދަރު ސަރަޙައްދަށް ނިކުމެ، ރައީސް ޔާމީނާ ސަލާމްކޮށްފައިވެއެވެ.

ރައީސް ޔާމީން ވަނީ ފެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެރަށުގެ ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ކޮށްދެއްވާނެ ކަންތައްތަކާއި، ސަރުކާރުގެ ތަރައްޤީގެ ތަޞައްވުރު ފެލިދޫގެ ރައްޔިތުންނާއި ވަނީ ހިއްސާކުރައްވާފައެވެ.

ފެލިދޫގައި ސަރުކާރުން މިވަގުތު ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކަށް ބަލާލާއިރު، އެރަށުގައި ފުޑްސަލް ދަނޑަކާއި، ވޮލީކޯޓަކާއި، ބަށިކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އާބާދީގައި ގާތްގަނޑަކަށް ހަތަރު ސަތޭކަ ފަންސާހެއްހާ މީހުން ދިރިއުޅެމުން އަންނަ ފެލިދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކޮށް އުޅެނީ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި މަސައްކަތެވެ. އަދި ފެލިދޫއަކީ ބޮޑުބެރާއި، ތާރަޖެހުމަށްވެސް މަޝްހޫރު ރަށެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ އަތޮޅަށް ކުރައްވާ އެއްދުވަހުގެ މި ދަތުރުފުޅުގައި ވ. ފެލިދޫގެ އިތުރުން އެއަތޮޅު ފުލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.