ހދ.ކުޅުދުއްފުށީގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޅުދުއްފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެރަށުގައި ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. މިއާއެކު ކުޅުދުއްފުށީ އެއަރޕޯޓުގެ މަޝްރޫޢުވެފައިވަނީ މުޅި ބޮޑުތިލަދުންމަތި އެ މަޝްރޫޢަކަށްޓަކާ އެންމެ އިންތިޒާރުކުރަމުންދާ އެއް މަޝްރޫއަށެވެ. ހދ.އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ.
ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާއިރު، އެއަރޕޯޓް ހެދުމަށް އެރަށުގެ ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސުމަކީ އަމާޒެއްކަމަށާއި، އެ އަމާޒަށް ޓާގެޓްކޮށްގެން މަސައްކަތް ކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
ހދ. ކުޅުދުއްފުށީގައި ޒަމާނީ ޚިދުމަތްތަކާއެކު އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު، ހއ.އަތޮޅުގައިވެސް އެއަރޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ހއ.މާފިނޮޅުގައި 1200 މީޓަރުގެ ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށްޓަކާ ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
12 ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައި ހަބުކަމުގައިވާއިރު، ކުޅުދުއްފުށީ އެއަރޕޯޓު ވެގެންދާނީ މި ސަރުކާރުން އެ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުހިއްމު މަޝްރޫޢަކަށެވެ.