ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު، ސިނަމާލޭ ބްރިޖު ރަސްމީކޮށް ހުޅުވައިފިއެވެ.
އެކަމަށްޓަކާ މާލޭ ލޮނުޒިޔާރާތްކޮޅު ސަރަޙައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ކަނޑުހުރަސްކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިނާކުރި ބްރިޖު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޙާއްސަ މަންދޫބު ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވޭންގ ޝިއާޓޯއެވެ.
މާލެއާއި ހުޅުލެއާ ދެމެދު ތަރައްޤީކޮށްފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލޭ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ މުހިއްމު އެއް ވަޢުދެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ ތާރީޚީ ބިނާކަމުގައިވާ ސިނަމާލޭ ބްރިޖު އެޅުމުގެ ރަސްމީ މަސައްކަތްތައް 2015 ވަނަ އަހަރުގެ ތެރޭގައި ފެށުމާއެކު އެތައް ބައެއްގެ ސަމާލުކަން މި މަޝްރޫޢަށް ލިބިގެންދިޔައެވެ.
ދިވެހިންގެ ލޯތައް ތަރައްޤީގެ އައު ކުލަވަރުތަކަކަށް ހުޅުވާލަދިން ބްރިޖުގެ މަޝްރޫޢަކީ އިންޖިނިއަރިންގެ ދާއިރާއިން ރާއްޖޭގައި ކޮށްފައިވާ އެންމެ ތަފާތު އަދި އެންމެ ބިޔަ މަސައްކަތެވެ. ދިގުމިނުގައި 2 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު، ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށްޓަކާ ބޭއްވި ވަރަށްވެސް ކުލަގަދަ ރަސްމިއްޔާތެއްގައެވެ.
ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑްހާބަރ އިންޖިނިއަރިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ބްރިޖު ހުޅުވާފައި މިވަނީ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، 25 ދުވަސް ކުރިންނެވެ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން އެކަމަކަށް ހުއްޓިގެންދިޔައީ މި ރަސްމިއްޔާތުގައި ދައްކާލަދިން ބަޑިބޭހުގެ ހިތްގައިމު ކުޅިވަރުތަކެވެ.
ސިނާމާލޭ ބްރިޖް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ހުޅުމާލެ ހިއްކަން ފެށިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ހުޅުމާލެ އާއި މާލެއާ ދޭތެރޭގައި ދަތުރު ފަތުރު ކުރުން ކަމަށެވެ. އަދި އެ ދޭތެރޭގައި ބްރިޖެއް އަޅަން ޖެހޭކަން އެމަނިކުފާނަށް ވިސްނިވަޑައިގަތް ކަމަށާއި، ނަމަވެސް ދިވެހި ދަޢުލަތުގެ މާލިއްޔާގައި އެވަރުގެ ތަނަވަސް ކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ސިނަމާލޭ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިނަމާލޭ ބްރިޖަކީ ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާގެ އެންމެ މުހިއްމު ބިންގާކަމުގައެވެ. އަދި ސަރުކާރަށް ކުރިމަތިވި އެތައް ގޮންޖެހުންތަކަކާއި، ފާޑުކިއުންތަކާއެކުވެސް، ބްރިޖުގެ ތަޞައްވަރު ހަޤީޤަތަކަށް ހައްދަވައިދެއްވާ، އެކަން ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ސިނަމާލޭ ބްރިޖާއެކު ތަރައްޤީގެ އައު ސަފްޙާތަކެއް ހުޅުވި، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން އެތަކެއް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.
ސިނަމާލޭ ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޙާއްސަ މަންދޫބު ވަނީ ސިނަމާލޭ ބްރިޖުގެ މައިގޭޓުވޭގައި ޗައިނާއާއި ރާއްޖޭގެ ދިދަ މައުންޓްކޮށްދެއްވާފައެވެ. އެއަށްފަހު ރައީސް ޔާމީނާއި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންވަނީ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުލެއަށް ދަތުރުކުރައްވާފައެވެ.