ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަން ތައްޔާރުވަނީ


ގދ. ފަރެސްމާތޮޑާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ގަލްފު ކޮބްލާ ކުންފުނިން ކުރިއަށްދިޔަނަމަވެސް ބިން ހިއްކުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެނީ އެމްޓީސީސީންނެވެ. ގަލްފް ކޮބްލާއާއި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ޑޮލަރަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ ފަޅުން ގާތްގަނޑަކަށް 18 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ބިންހިއްކުމަށް ބޭނުންވާ ވެހިކަލްތައް މިދިޔަ ޖުލައިމަހުގެ މެދެއްހާތާނގައި އެރަށަށް ގެންގޮސްފައިވާއިރު، ބިން ހިއްކާ ސަރަހައްދުގެ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކާ އެމް.ޓީ.ސީ.ސީން ގެންގުޅޭ އެންމެ ބޮޑު ކަޓަރ ޑްރެޖަރ މިހާރުވަނީ އެރަށަށް ބަނދަރުކޮށްފައެވެ. މި ޑްރެޖަރަކީ ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ހެކްޓަރެއް ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.
ގދ. ފަރެސްމާތޮޑާ އެއަރޕޯޓު މަޝްރޫޢުގެ ދަށުން 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއި އޭޕްރަންއެއް އަދި ޕެސެންޖަރ ޓާމިނަލެއް އެރަށުގައި އަޅާނެއެވެ. ފަރެސްމާތޮޑާ އެއަރޕޯޓަކީ ހުވަދު އަތޮޅުގައި ސަރުކާރުން ތަރައްޤީކުރާ 4 ވަނަ އެއަރޕޯޓެވެ.

ހަތަރު މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން މުޅި ހުވަދުއަތޮޅަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.