ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޗައިނާގެ ރައީސް ޝީ ޖިންފިންގަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ޗައިނާގެ ރައީސަށް ޖުމްހޫރީ މައިދާނުން މަރުޙަބާ ދެންނެވުމުގެ ގޮތުން މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކާއި އެކިއެކި ސަޤާފީ ހަރަކާތްތައް ވަނީ ހުށައަޅާދީފައެވެ. ޝީ ޖިންޕިންގ މިއަދު ހެނދުނު 10 ޖެހިއިރު މާލެވަޑައިގެންނެވިއިރު ޖުމުހޫރީ ފާލަން ހިމެނޭ ޖުމުހޫރީ މައިދާން ސަރަހައްދާއި މާލޭގެ ގިނަ މަގުތައް ޗައިނާ އާއި ރާއްޖޭގެ ދިދަ ޖަހާ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައިވެއެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފޮޓޯފުޅުތަކާއި ޗައިނާގެ ރައީސް ޝީ ޖިންފިންގ ގެ ފޮޓޯފުޅުތަށްވެސް ޖުމުހޫރީ މައިދާނާ ރައީސުލްޖުމުހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަހައްދުގައި ވަނީ ހަރުކުރެވިފައެވެ.
މީގެ އިތުރުން ޗައިނާ ރައީސްގެ ދަތުރުފުޅާ ގުޅިގެން ބްރިޖެއް ރަމްޒުކޮށްދޭ ގޮތަށް ތައްޔާރު ކުރެވޭ ގިޑިގެއެއް ވެސް ވަނީ ތައްޔާރުކުރެވިފައެވެ. މާލޭގެ އިތުރުން ޗައިނާ ރައީސް ހުންނަވާ ޕެރެޑައިސް އައިލެންޑް ރިސޯޓުވެސް ވަނީ ޗައިނާ އާއި ރާއްޖޭގެ ދިދަ ޖަހާ ޒީނަތްތެރިކުރެވިފައެވެ. ޗައިނާ ރައީސްގެ ދަތުރުފުޅާ ގުޅިގެން ޒީނަތްތެރި ކުރުމުގެ ގޮތުން ޗައިނާގެ ސަޤާފަތް ދައްކައިދޭ ޗައިނީޒް ލޭންޓާން ބޭނުންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޗައިނާގެ ރައީސް މިއަދު މާލެ ވަޑައިގެންނެވުމާއެކު 21 ބަޑީގެ ސަލާމަކުން އެމް.އެން.ޑީ.އެފްގް އޮނަރ ގާޑެއް ވަނީއަރުވާފައެވެ. ޝީ ޖިންޕިންގ ގެ ދަތުރުފުޅާ ގުޅިގެން އެމް.އެން.ޑީ.އެފުން ވަނީ ޖުމުހޫރީ މައިދާނާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.