ޚަބަރު

ޕީ.ޕީ.އެމްގެ ލޯގޯއާއި ކުލަ ބޭނުން ނުކުރުމަށް އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓަށް އަންގައިފި


ކެމްޕެއިންގެ ޙަރަކާތްތަކުގައި ހުއްދަ ނެތި ޕީ.ޕީ.އެމްގެ ލޯގޯއާއި ކުލަ ބޭނުން ނުކުރުމަށް އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އެމް.ޑީ.ޕީގެ ކެމްޕެއިންތަކުގައި ޕީ.ޕީ.އެމްގެ ކުލައާއި ލޯގޯ ބޭނުންކުރަމުންދާކަމަށް ޕީ.ޕީ.އެމުން ވަނީ ބުނެފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެމް.ޑީ.ޕީން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށާއި، އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގައި ޕީ.ޕީ.އެމްގެ ލޯގޯ އާއި ކުލަ ބޭނުންކުރުން ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނޭކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޕީ.ޕީ.އެމްގެ ކުލަ އާއި ލޯގޯ އެމް.ޑީ.ޕީން ބޭނުންކުރާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އަދި ހުއްދަ ނެތި ޕީޕީއެމްގެ ދިދައާއި ކުލަ ބޭނުން ނުކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަންގާފައިވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގާފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާތަކާއި އެނޫންވެސް ކެމްޕެއިން ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން، އެޕާޓީއެއްގެ ހުއްދައާއެކު ނޫންގޮތަކަށް ބޭނުން ނުކުރުމަށްވެސް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.