ބްރިޖްމަތީގައި ބާއްވާ ފުރަތަމަ ކައިވެނި ހަފްލާތައް މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހައުސިންގ މިނިސްޓްރީއިން ތައްޔާރީތައްވާން ފަށައިފިއެވެ.
ބްރިޖްމަތީގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލިއިރު އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ބްރިޖްމަރީގައި ކައިވެނިކުރުމުގެ ފުރުޞަތު 50 ފަރާތައް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ކައިވެނި ހަފްލާގެ ބައެއް ޚަރަދު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ބްރިިޖްމަތީގައި ބާއްވާ ފުރަތަމަ ކައިވެނީގެ ޙަފްލާތައް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާއިރު، ކައިވެނީގެ ޙަފްލާތައް ރާވާ ހިންގާނެ ފަރާތްތައް ހޯދުމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ އިޢުލާން ކޮށްފައެވެ.
މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި ހަފްލާތައް އޮންނާނީ އެދުވަހު ހަވީރު 4:00 އިން 6:00 އަށެވެ. އެދުވަހު ބްރިޖުގެ މަތީގައި 6 ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފްލާތައް ކުރިއަށްދާނީ ވަކިވަކިން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި މި ހަފްލާތަކުގައި އެދުވަހު ޖުމްލަ 450 މީހުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ބްރިޖުގެ މަތީގައި ބާއްވާ ކައިވެނި ހަފްލާތަކުގެ ބެކްޑްރޮޕްހެދުމާއި، ހަވީރުގެ ސައި ތައްޔާރުކުރުމާއި، ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފައެވެ.
ބްރިޖްމަތީގައި ބާއްވާ ޙަފްލާތައް ބާއްވާނީ ހައުސިންގ މިނިސްޓްރީއިން ކަނޑައަޅާފައިވާ ކޮންސެޕްޓްތަކަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ކައިވެނީގެ ޙަފްލާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ތީމަކަށެވެ. އޭގެތެރޭގައި ދިވެހި އާދަކާދައާއި ސަޤާފަތް ދަތްކުވައިދޭ ތީމާއި، އިރުއޮއްސޭ މަންޒަރު ސިފަކޮށްދޭ ތީމާއި، ވިންޓޭޖް ނުވަތަ ކުރީގެ ހަނދާންތަކާއި ތާރީޚް ދައްކުވައިދޭ ތީމަކާއި، މާމެލާމެލީގެ ރީތިކަން ދައްކުވައިދޭ ތީމް ހިމެނެއެވެ.
މިކަންކަމަށް ކުރިމަތިލުމަށް ބިޑަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.